ޚަބަރު

ރަޝިޔާގެ ބޮޑުވަޒީރުކަމުގައި މެޑްވެޑޭވް؛ މިހާރު ގެންދަވަނީ ސަރުކާރު އެކުލަވާލަމުން


ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން، އެ ގައުމުގެ އައު ސަރުކާރު އެކުލަވާލުމުގެ މަސައްކަތް، ކުރީގެ ބޮޑުވަޒީރު ޑިމިޓްރީ މެޑްވެޑޭވާ ހަވާލުކުރައްވައިފިއެވެ.

ކްރެމްލިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އައު ސަރުކާރުގެ ވަޒީރުންގެ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް މެޑްވެޑޭވާ ހަވާލުކުރައްވައި، ބޮޑުވަޒީރުކަމަށް މެޑްވެޑޭވް އަށް ރުހުން ދިނުމަށް އެދި ރަޝިޔާގެ ގާނޫނު ހަދާ މަޖިލިސް "ޑޫމާ"އަށް ރައީސް ޕުޓިން ހުށަހަޅުއްވާފައިވާ ކަމަށެވެ.
ރަޝިޔާގައި އައު ސަރުކާރެއް އެކުލަވާލަން ޖެހުނީ ރައީސް ވްލަޑިމީރު ޕުޓިން، ރިޔާސީ ހަތަރު ވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމާ ގުޅިގެންނެވެ. ކްރެމްލިންގައި ހޯމަދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ޕުޓިން ވަނީ މަގާމުގެ ހުވާ ކުރައްވާފައެވެ.

މެޑްވެޑޭވްއަކީ ދެހާސް އަށަކުން ދެހާސް ބާރައަށް ރަޝިޔާގެ ރައީސްކަމުގެ މަގާމުވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެއަށްފަހު 2012 އާއި 2018އާ ދެމެދު ރަޝިޔާގެ ބޮޑުވަޒީރުކަމުގެ މަގާމުވެސް މެޑްވެޑޭވް އަދާކުރައްވާފައިވެއެވެ.