ޚަބަރު

ހައްދުފަހަނައެޅުން ކުޑަކުރުމުގެ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފި


ދިވެހިރާއްޖޭގައި ހައްދުފަހަނައެޅުން ކުޑަކުރުމުގެ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މި ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފައްޓަވައިދެއްވީ ކޯސްޓްގާރޑް ބިލްޑިންގައި ކުރިއަށްގެންދިޔަ "ކައުންޓަރ ރެޑިކަލައިޒޭޝަން ކޮމިޓީ"ގެ ޚާއްޞަ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އާދަމް ސަރީފް ޢުމަރެވެ. ދިވެހިރާއްޖޭގައި ނުރައްކާތެރި ހައްދުފަހަނައެޅުން ކުޑަކުރުމުގެ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ޔޫ.އެން.ޑީ.ޕީ ގުޅިގެންނެވެ.

މި ޕްލޭން އިފްތިތާޙްކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ނުރައްކާތެރި ހައްދުފަހަނަ އެޅުމުގެ ފިކުރު ފެތުރުމާއި ދެކޮޅަށް ތަފާތު ގިނަ މަސައްކަތްތަކެއްކޮށް ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވާކަމަށެވެ. އެގޮތުން ކައުންޓަރ ޓެރަރިޒަމް ސެންޓަރ އުފެއްދުމާއި، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު ތަސްދީޤުކުރެވުމާއި، އިޖްތިމާޢީ ދާއިރާގައި ޓެރަރިޒަމާ ދެކޮޅަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ނުރައްކާތެރި ހައްދުފަހަނަ އެޅުމަކީ ވަރަށް ޚައްޞާޞް މައްސަލައެއްކަމުން، މިއެކްޝަން ޕްލޭނަކީ ވަރަށް މުހިއްމު ޕްލޭނެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި އެކްޝަން ޕްލޭން ތަންފީޒުކުރަން ފެށުމުގެ ކުރިން ކަމާބެހޭ ފަރާތްތަކާއެކު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ނުރައްކާތެރި ހައްދުފަހަނައެޅުން ކުޑަކުރުމުގެ ޤައުމީ އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ޔޫއެން ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާއާއި، ފަންނީ ލަފާ ދިނުމަށްޓަކައި ކަމާބެހޭ މާހިރުންނާއި، ޔޫ.އެން.ޑީ.ޕީގެ އޮފިޝަލުން ބައިވެރިވެއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ޝޯކޯ ނޯޑާ ވިދާޅުވީ ނުރައްކާތެރި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ދިވެހި ސަރުކާރުން ވަރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުންދާކަމަށާއި، މިމަސައްކަތުގައި ވެވެންއޮތް އެހީތެރިކަމެއް ވެދިނުމަށް އ.ދ އިން ތައްޔާރަށް އޮތްކަމަށެވެ.

ނުރައްކާތެރި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ތައްޔާރުކުރެވޭ އެކްޝަން ޕްލޭނަކީ 2017 ނޮވެމްބަރ މަހުގެ ތެރޭގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރއިން ޝާޢިއުކޮށްފައިވާ "ނޭޝަނަލް ސްޓްރެޓެޖީ އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވައިލަންޓް އެކްސްޓްރީމިޒަމް" ޢަމަލީގޮތުން ތަންފީޒުކުރުމަށްޓަކައި އެކުލަވާލެވޭ އެކްޝަން ޕްލޭނެކެވެ. މިއެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްއޮތް 2 މަސްދުވަސް ތެރޭގައި ނިންމާލެވޭނެކަމަށް ބެލެވޭކަމަށް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބުނެއެވެ.