ޚަބަރު

ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބޭތީ ވަރަށް އުފާވޭ: ނިޙާން


ހިޔާ މަޝްރޫޢުގެ ދަށުން ގިނަ އަދަދެއްގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ލިބިގެންދާ ދިއުމަކީ ވަރަށް އުފާވެރި ކަމެއްކަމަށް ޕީޕީއެމް ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރާ 7000 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ފޯމު ދޫކުރަން ފެށުމާ ގުޅިގެން ނިޙާން ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ މީގެ ކުރީގެ ސަރުކާރުތަކަށް ހައްލުކުރަން އުނދަގޫވި ކަމެއް ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން އަންނަނީ ރައްޔިތުންނަށް ބޭނުންވާ މި މުހިންމު މައްސަލައަށް ހައްލު ހޯއްދަވައިދެއްވަމުންކަން ނިޙާން ފާހަގަކުރެއްވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ހިޔާ މަޝްރޫއު އިފްތިތާޙު ކުރުމަށް ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭއްވި ޙަފްލާގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއިރު، މި މަޝްރޫއަކީ ރައްޔިތުން ވަރަށް ބޮޑަށް އުންމީދުކުރަމުން އައި މުހިންމު ވަޢުދެއް ފާހަގަ ވެގެންދިޔަ ކަމަށެވެ. މީގެ އިތުރުން ނިޙާން ވިދާޅުވީ ފްލެޓު ދޫކުރުމަށް އެކަށައަޅާފައިވާ ކެޓަގަރީތަކަކީ ވަރަށް އިންސާފުވެރިކަމާއެކު ކަނޑައަޅާފައިވާ ކެޓަގަރީތަކެއް ކަމަށާއި، ފްލެޓު ލިބޭނީ އޭގެ އެންމެ ހައްޤުވެރިންނަށް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

"2010 ވަނަ އަހަރުން ފެށިގެން އަޅުގަނޑު ހަނދާން ބަލި ނޫންކަމަށްވާނަމަ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރުގެ ޙައިސިއްޔަތުން އަޅުގަނޑު އެންމެ ގިނައިން ވަކާލާތުކޮށްފައިވަނީ މާލޭ ދަފުތަރުގައި ތިބި ރާއްޖެތެރޭގެ ނިކަމެތި ރައްޔިތުންގެ ވާހަކަ. އެޔެއް މިޔެއް ނޭނގޭ ގޮތަށް ދަފްތަރެއްގައި ޖެއްސުމަށްފަހު މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރުގެ ރައްޔިތުން ކަމުގައި ބުނެ މާލެއަށް ދުކޮށްލެވިފައި ތިބި އެތަކެއް ހާސް ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަން ފުރަތަމަ ފެއްޓި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކީ އަޅުގަނޑު. މަައިގަނޑު ގޮތެއްގައި އަޅުގަނޑުމެން ވަކާލާތުކުރި އެންމެ މުހިންމު އެއްކަމަކީ މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ދަތިކަމާ އެއްވަރަށް ދަފްތަރުގައި ތިބި ރައްޔިތުންނަށްވެސް ބޯހިޔާވަހިކަން ހޯދައިދިނުމަށް. އިރާދަކުރެއްވީތީ މިއަދު އެކަން ކޮށްދެއްވީ ރައީސް ޔާމީން" އަހުމަދު ނިޙާން ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ މަޝްރޫއުގެ ދަށުން ތަރައްޤީ ކުރާ 7000 ފްލެޓް ދިނުމަށް ނިންމާފައިވަނީ 11 ދާއިރާއަށް ބަހާލައިގެންނެވެ. މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި ފްލެޓަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ރައްޔިތުންވަނީ ފޯމު ނަގާފައެވެ.