ޚަބަރު

ޑަބްލިއުޓީއޯ ޕާލިމެންޓޭރިއަން ކޮންފަރެންސްގައި ބައިވެރިވުމަށް ނިހާން ސިންގަޕޫރަށް


ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) ޕާލިމެންޓޭރިއަން ކޮންފަރެންސްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ޙުސައިން މަނިކު ސިންގަޕޫރަށް ފުރާވަޑައިގެންފިއެެވެ.

އަހަރަކު އެއްފަހަރު ޑަބްލިއުޓީއޯއިން އިންތިޒާމްކޮށްގެން ބާއްވާ މި ކޮންފަރެންސްގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އަންނަނީ ތަޖުރިބާ ހޯދުމަށްޓަކައި ބައިވެރިވަމުންނެވެ.

ޑަބްލިއުޓީއޯ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ސިންގަޕޫރަށް ފުރުމުގެ ކުރިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ވިލިމާފަންނު ދާއިރާގެ މެމްބަރު އަޙްމަދު ނިޙާން ވިދާޅުވީ، މި ކޮންފަރެންސްގެ ހަވާސާގައި ބައިނަލްއަޤްވާމީ ވިޔަފާރީގެ މުޢާޙަދާތަކާއި، ޓްރޭޑް ނެގޯސިއޭޝަންސްއާ ބެހޭ ގޮތުން ކޮންފަރެންސްގައި ބައިވެރިވާ މެމްބަރުންނަށް މަޢުލޫމާތު ޙިއްސާ ކުރެވިގެންދާނެ ކަމަށެވެ. އަދި ބަދަލުވަމުން އަންނަ މުހިންމު ވިޔަފާރިތަކާ ގުޅޭ ގޮތުންވެސް މި ކޮންފަރެންސްގައި މައުލޫމާތު ޙިއްސާކުރެވިގެންދާނެ ކަމަށް ނިޙާން ވިދާޅުވިއެވެ.

"މި މުހިންމު ބައްދަލުވުން 7 އިން 9 އަށް އޮންނައިރު، ވޭތުވެދިޔަ އަހަރުތަކުގައިވެސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ ބައިވެރިވެވަޑައިގެން ތަޖުރިބާ ހާސިލްކުރައްވާފަ. މީހަމަ މުހިންމު ބައްދަލުވުމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރަން. އަދި މެމްބަރުންނަށް އިތުރު ތަމްރީނާއި އިތުރު ހުނަރާއި ދުނިޔޭގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއަށްދާ ގޮތުން މުހިންމު މަޢުލޫމާތުތަކެއް މި ބައްދަލުވުމުން ލިބިގެންދާނެ،" ނިޙާން ވިދާޅުވިއެވެ.

މިއަދުން ފެށިގެން މި މަހުގެ ނުވަވަނަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގައި ކުރިއަށްދާ ޑަބްލިއުޓީއޯ ކޮންފަރެންސްގައި ނިޙާންގެ އިތުރުން ދެން ބައިވެރިވަނީ ހުޅުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝާހިދުއާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޙުސައިން މުޙައްމަދު ލަތީފެވެ.