ޚަބަރު

ބްރިޖު ހުޅުވާނީ ދެ ޤައުމު ގުޅިގެން ބާއްވާ ކުލަގަދަ ރަސްމިއްޔާތަކުން- މިނިސްޓަރ ޑރ.މުޢިއްޒު


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ދެ ސަރުކާރުގެވެސް ފުރިހަމަ އެއްބާރުލުމާއެކު ކުލަގަދަ ރަސްމިއްޔާތަކާއެކުގައި ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އެޤައުމަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަވާ ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ މުޢިއްޒު ވިދާޅުވީ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖުގެ މަސައްކަތް ހަލުވިކަމާއެކު ރޭވިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްގޮސް އޮގަސްޓް މަހުގެ ނިޔަލަށް ނިންމާ، ރަސްމީކޮށް ހުޅުވިގެންދާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޗައިނާއަށް ކުރައްވާ މި ދަތުރުފުޅުގައި އެޤައުމުގެ ސަރުކާރުގެ އިސްވެރިންނާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކުގައި ދެ ސަރުކާރު ގުޅިގެން ވީހާވެސް ކުލަގަދަ ގޮތެއްގައި ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްގެންދިއުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެވޭނެކަމަށް.

"ބްރިޖަކީ ދެޤައުމުގެ ދޭތެރޭގައި އޮތް ޒަމާންވީ ރަޙުމަތްތެރި ގުޅުން ވަރަށް ވަރުގަދައަށް ރަމްޒުކޮށްދޭ ކަމެއް. ދެޤައުމުގެ ރައީސުންގެ އޮތް ގާތް ގުޅުމާ މިހުރިހާ ކަމެއް ރަމްޒުކޮށްދޭ ވަރުގަދަ މަޝްރޫއަކަށްވާއިރުގައި، މި މަޝްރޫއުގެ ނިމުން ފާހަގަކޮށް ބްރިޖު ހުޅުވުމަކީ ވަރަށް ކުލަގަދަ ގޮތެއްގައި ކުރަންޖެހޭކަމެއް ކަމަށް އަޅުގަނޑުމެންނަށް އަދި ޗައިނާ ސަރުކާރަށްވެސް ޤަބޫލުކުރެވޭތީ މިކަން ކުރުމަށްޓަކައި މަޝްވަރާކުރުމަށް މިދަނީ. ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށްދާނީ ދިވެހި ސަރުކާރާއި ޗައިނާ ސަރުކާރުން ހުށަހަޅާ ކަންތައްތަކާއެކު ދެފަރާތުގެ އެއްބާރުލުމާއެކު ވަރަށް ކުލަގަދަކޮށް" މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މިދަތުރުފުޅުގައި ބްރިޖު ހުޅުވި އެތަނުގައި ކުރިއަށްދާ މެއިންޓަނެންސް ކަންތައްތަކާއި އޮޕަރޭޝަންސް ކަންތައްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.