ޚަބަރު

މ. އަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު: ޕީޕީއެމް


ޕީޕިއެމުން މ. އަތޮޅަށް ކުރި ދަތުރަކީ އުންމީދުން ފުރިގެންވާ ކަންތައްތަކެއް ޙާސިލްވި ދަތުރެއް ކަމަށާއި އެއަތޮޅުގެ ރައްޔިތުން ތިބީ ރައީސް ޔާމީނާއެކު، ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކޮށްދިނުމަށް ސާބިތުވެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބުނެފިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އިސް ވަފުދެއް މ. އަތޮޅުގެ ރަށްތަކަށް ކުރި ތިން ދުވަހުގެ ދަތުރަށްފަހު މީޑިޔާތަކަށް މަޢުލޫމާތު ދެއްވަމުން ޕީޕީއެމްގެ ނައިބު ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، އެ އަތޮޅުގެ އަށް ރަށަށް ކުރި ދަތުރުގައި ރައްޔިތުންނާއި ވަރަށް ގާތުން ބައްދަލުކޮށް އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވުމުގައި އެންމެ ބޮޑު ހިއްސާއެއް ވުމަށް އެއްބާރުލުންދޭނެ ބައެއްގެ ގޮތުގައި މ.އަތޮޅުގެ ރައްޔިތުން ތިބިކަމުގެ ޔަޤީންކަން ލިބިގެންދިޔަކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

"މ.އަތޮޅު ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށްވާއިރު ދިވެހިންގެ ބަޔަކު އިސްވެ ތިބެގެން މިރާއްޖޭގައި އިސްލާމްދީން ނޫން ދީންތަކަށް ފުރުސަތު ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތް. އެކަމާ ދޭތެރޭ މ.އަތޮޅުގެ ރައްޔިތުންގެ ވަރަށް ބޮޑެތި ކަންބޮޑުވުންތައް އަޅުގަނޑުމެންނާ ހަމައަށް އައި. ހަމައެއާއެކު ދިވެރިރާއްޖޭގެ މިނިވަންކަން ގެއްލިގެންދާފަދަ އަމަލުތަކެއް ދިވެހިންގެ ބަޔަކު ކުރާތީ އެހިތްހަމަ ނުޖެހުންވެސް ރައްޔިތުން ފާހަގަކުރި. މ.އަތޮޅުގެ ރައްޔިތުންގެ ހިތްހަމަޖެހުމަކީ މިހުރިހާ ގޮންޖެހުންތަކާ އެކީގައިވެސް ދިވެހި ރައްޔިތުން ބޭނުންވާ ތަރައްޤީއާއި ކުރިއެރުމާއި ހަމަޖެހުމާއި ސުލްހަވެރިކަން އަދި ޤާނޫނުގެ ބާރު ހަމަހަމަކަމާއެކު އެންމެންގެ މައްޗަށް ތަންފީޒުކުރާ ކުރުން." ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ވިދާޅުވިއެވެ.

މިދަތުރާ ގުޅޭގޮތުން ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް ޔާމީންގެ ޒަޢާމަތުގައި މިޤައުމަށް އަންނަމުންދާ ތަރައްޤީއާއެކު، ވަކިން ޚާއްޞަކޮށް މ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް އަންނަމުންދާ ތަރައްޤީ އެރައްޔިތުން ބަލައިގަނެ އެކަމާ ޝުކުރުވެރިވާ ކަމަށެވެ. ޚަލީލް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގެ 3 އަހަރުގަ ބަޖެޓުގައި ޖަހާފައިހުރި އެއްވެސް މަޝްރޫއެއް ރައްޔިތުންނާ ހަމައަށް ނާންނައިރު، އެފައިސާއަށް ވީގޮތް އޮޅުން ފިލުވުމަކީ މ. އަތޮޅުގެ ރައްޔިތުން ބޭނުންވާ ކަމެއްކަމަށެވެ. އެހެންކަމުން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން މިހާރުން މިހާރަށް އެކަން ބަލަންޖެހޭކަން ރައްޔިތުން ފާހަގަކުރިކަމަށް ޚަލީލް ވިދާޅުވިއެވެ.

"ވަރަށް ގިނަ ބޭފުޅުން ސުވާލުކުރަމުން ގެންދިޔަ މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅަކަށްވެސް ހަމަ ބަޖެޓު ލިބިވަޑައިގެންފައި އޮންނާނެތާއޭ. ތިމަންނަމެންގެ ރަށަކަށް ހަމަ އެއްވެސް ކަމެއް ކޮށެއް ނުދެއޭ. އެހެންވީމަ ތިމަންނަމެން ބަލަން ބޭނުމޭ އެބަޖެޓަށްވީ ކިހިނެއްތޯ. ދައުލަތުގެ އެބަޖެޓު ދިޔައީ ކޮން ދިމާލަކަށްތޯ. ރައީސް ޔާމިންގެ ސަރުކާރުން ފެނިގެން މިދަނީ ބަޖެޓެއް ފާސްކުރެވިގެންދިޔައިރު ސުވާލު އުފެދުނޭ މިހާ ބޮޑު ބަޖެޓަކާއެކު ސަރުކާރުން މުޅި ރާއްޖެއަށް ތަރައްޤީ ފޯރުކޮށްދޭތީ. އެކަމަކު ތިން އަހަރު ވެރިކަން ކުރެއްވި ބޭފުޅަކު ތިމަންނަމެން ރަށަށް އެއްވެސް ކަމެއް ކޮށްނުދެއޭ" ޕީޕީއެމްގެ ސްޕޯކްސް ޕާސަން ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

މ.އަތޮޅަށް ޕީޕީއެމްގެ ފަރާތުން ކުރި މިދަތުރުގައި އެ އަތޮޅުގެ ގިނަ ރަށްރަށުގެ ރައްޔިތުންވަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ޤާނޫނީ އިމުން ބޭރުން ވައްޓާލުމަށް ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ވަފުދުގެ ބޭފުޅުންނާ މަޝްވަރާކޮށް އެކަން ކުއްވެރިކޮށްފައެވެ.
ޕީޕީއެމްގެ ފަރާތުން މ.އަތޮޅަށް ކުރި މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސަރުކާރު އެކި ވުޒާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.