ޚަބަރު

ލަންކާގެ ސަރުކާރުގެ އިދާރާތަކުގައި ކޮރަޕްޝަން ހުރި މިންވަރާމެދު ސިރިސޭނާ ކަންބޮޑުވުން ފާޅުކުރެއްވުން


ސްރީލަންކާ ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކުގައި ކޮރަޕްޝަން ހުރި މިންވަރާމެދު އެގައުމުގެ ރައީސް މައިތުރިޕަލަ ސިރިސޭނާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ކޮލަންބޯގެ ޕޮލޮއްނަރުވާ ރޯޔަލް ކޮލެޖުގައި ތަޤުރީރުކުރައްވަމުން، ސްރީލަންކާ ސަރުކާރުގެ މުއައްސަސާތަކުން ކޮރަޕްޝަން ފުހެލުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ސާބިތުކަމާއެކު އަޅާނެ ކަމަށާއި ކޮރަޕްޝަންގެ ޢަމަލުތައް ހިންގާ ހުރިހާ މީހުންނަށްވެސް ޤާނޫނުގައި ކަނޑައެޅިފައިވާ އަދަބުދިނުމަށް ފަސްޖެހިވަޑައިނުގަންނަވާނެކަމަށް، ސިރިސޭނާ ވިދާޅުވިއެވެ.

ސިރިސޭނާ ކޮޕަޝަނާ ދެކޮޅަށް ވާހަކަދައްކަވާފައި މި ވަނީ އޭނާގެ އޮފީހުގެ ޗީފް އޮފް ސްޓާފްކަމުގެ މަޤާމުގައި ހުންނެވި އައި.އެޗް.ކޭ. މަހާނަމާ، ކޮޕަރްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ދަނޑިވަޅެއްގައެވެ. މަހާނަމާ ކޮޕަރްޝަންގެ ތުހުމަތުގައި ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު ރިޝްވަތުގެ ގޮތުގައި އޭނާ ހޯއްދަވާފައިވާ ވިހި މިލިޔަން ރުޕީސްގެ ޗެކް އޭނާގެ އަތްޕުޅުގައި އޮތްކަމަށް ތުހުމަތުކުރެވެއެވެ.

ސިރިސޭނާ ވަނީ މި އަހަރުގެ ކުރީކޮޅު ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަގެ މައްޗަށް ކުރެވުނު ކޮރަޕްޝަންގެ ތުހުމަތަކާ ގުޅިގެން ރަނިލް އަށްވެސް ފާޑުވިދާޅުވެފައެވެ. ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރަށްވުރެވެސް ރަނިލްގެ ސަރުކާރުގައި ކޮރަޕްޝަންގެ ޢަމަލުތައް ގިނަކަމަށް ވިދާޅުވެ، ސިރިސޭނާ އެމަނިކުފާނު ބޮޑުވަޒީރަށް ފާޑުވިދާޅުވިއެވެ.