ޚަބަރު

"އައްނޫރުލް މުބީން"ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާ ބައިވެރިޔާ މިއަދު އިޢުލާން ކުރާނެ


ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުޢާން މުބާރާތުގައި ރާއްޖެ ތަމުސީލުކުރާނެ ބައިވެރިއަކު މިއަދުގެ ވަގުތެއްގައި އިޢުލާނުކުރާނެކަން ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ހާމަކޮށްފިއެވެ.

މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނެ ބައިވެރިޔަކު ހޮވުމަށް ބެއްވި އޮޑިޝަންގައި 17 މީހަކު ކިޔަވާފައިވާކަމަސް ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ. ކީރިތި ޤުރުއާނާބެހޭ މަރުކަޒުގައި އޮޑިޝަން ކުރިއަށް ގެންގޮސްފައިވަނީ ދެ ދަނފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނާއި ރޭގަނޑު މުބާރާތުގެ އޮޑިޝަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

"އައްނޫރުލް މުބީން"ގެ ނަމުގައި ބާއްވާ ބައިނަލްއަޤުވާމީ ޤުރުއާން މުބާރާތަކީ ރަޢީސުލްޖުމްހޫރިއްޔާ ޢަބްދުއްﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ބާއްވާ މުބާރާތެކެވެ. މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބައިވެރިވާނެއެވެ. އޭގެތެރޭގައި އިންޑޮނޭޝިއާއި ސްރީލަންކާއާއި ޔޫއޭއީއާއި ތުރުކީވިލާތާއި މިސްރާއި ޕާކިސްތާނާއި މެލޭޝިއާއާއި ސަޢުދީއަރަބިއްޔާއާއި ސޫދާނާއި ބަންގްލަދޭޝް ހިމެނެއެވެ. މުބާރާތުގައި ބައިވެރިވާނީ މިއިން ކޮންމެ ޤައުމަކުންވެސް އެއް ފަރާތެވެ. ނޫރުލް މުބީން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13ން 17 ގެ ނިޔަލަށެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލް އަޤްވާމީ ޤުރުއާން މުބާރާތް އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.