ޚަބަރު

އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ނިންމާލައިފި


އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤުރުއާން މުބާރާތުގެ އޮޑިޝަންގައި 336 ކުދިން ކިޔަވައިފިއެވެ. އަންނަ ރަމަޟާން މަހު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤުރުއާން މުބާރާތުގެ އޮޑިޝަންތައް ކުރިއަށްގެންގޮސްފައިވަނީ މާލެ ހިމެނޭހެން ހަތަރު ސަރަޙައްދެއްގައެވެ. ޅ.ނައިފަރުގެ އޮޑިޝަންގައި 66 ކުދިން ކިޔަވާފައިވާއިރު އައްޑޫ ސިޓީގައި ކުރިއަށްދިޔަ އޮޑިޝަންގައި 31 ކުދިން ވަނީ ކިޔަވާފައެވެ. ހއ.ދިއްދޫ އޮޑިޝަންގައި 39 ކުދިން ކިޔަވާފައިވާއިރު މާލެއިން ވަނީ މުބާރާތުގެ އޮޑިޝަންގައި 200 ކުދިން ކިޔަވާފައެވެ.

އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤުރުއާން މުބާރާތަކީ ކީރިތި ޤުރުއާނާއި، ޤުރުއާނުގެ ޢިލްމާއި މަދަހަ ކިއުމާއި ތަޖުވީދު މަގަށް ކިޔެވުމުގެ ހުނަރުތައް ދަސްކޮށްދީ ވާދަވެރި މާހައުލެއް ދަރިވަރުންނަށް ހޯދައި ދިނުމަށް ޕީއެސްއެމްއިން ބާއްވާ މުބާރާތެކެވެ. މިއަހަރުގެ މުބާރާތް ޚާއްސަކޮށްފައިވަނީ އުމުރުން 8 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށެވެ.
މި މުބާރާތުގެ އެއްވަނައަށް އަންނަ ކުއްޖަކަށް 3 ލައްކަ ރުފިޔާގެ ފައިސާގެ ޢިނާމު ހުށައަޅާފައިވާއިރު ދެވަނައަށް ހޮވޭ ކުއްޖަކަށް އެއްލައްކަ ފަންސާސް ހާސް ރުފިޔާގެ ފައިސާގެ ޢިނާމެއް ވަނީ ހުށައަޅާފައެވެ. އަދި މުބާރާތުން ތިންވަނައަށް އަންނަ ކުއްޖަކަށް ފަންސާސް ހާސްރުފިޔާ ވަނީ ކަނޑައަޅާފައެވެ.

އެންމެ އަލިގަދަ ތަރި ޖޫނިއަރ ޤުރުއާން މުބާރާތުގައި ކޮންމެ ދުވަހަކުވެސް ކިޔަވާ ދަރިވަރުންގެ ތެރެއިން މޮޅު ދަރިވަރުން ފާހަގަކޮށް އެ ދަރިވަރުންނަށްވެސް ޚާއްސަ އިނާމްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.