ޚަބަރު

އިންޓަރ ސްކޫލް ފުރަތަމަ ބައިސްކަލް ދުއްވުމުގެ މުބާރާތުގެ އެއްވަނަ ސީ.އެޗް.އެސް.އީ ހޯދައިފި


ބައިކް-މޯލްޑިވްސް އިން ބޭއްވި ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް ދުއްވުމުގެ މުބާރާތުގެ އެއްވަނަ ސެންޓަރފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ހޯދައިފިއެވެ.

މާލޭގެ 18 ސްކޫލަކުން ބައިވެރިވި "ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް ޓޯނަމަންޓް 2018" ގައި ވާދަވެރި އިވެންޓުތަކުން އެންމެ ގިނަ ރަން މެޑައްޔާއި، ރިހި އަދި ބްރައުންޒް މެޑަލް ހޯދާ، މުބާރާތުގެ އެއްވަނަ ސެންޓަރފޮރ ހަޔަރ ސެކަންޑްރީ އެޑިއުކޭޝަން (ސީ.އެޗް.އެސް.އީ) ހޯދީ 349 ޕޮއިންޓާއެކުއެވެ. 253 ޕޮއިންޓް ހޯދައިގެން ދެވަނަ ހޯދީ ހުޅުމާލޭ ޣާޒީ ސްކޫލްއެވެ. 140 ޕޮއިންޓާއެކު ތިން ވަނަ ހޯދީ ހިރިޔާ ސްކޫލްއެވެ.

ހަތަރުސަތޭކައަށްވުރެ ގިނަ ކުދިންނާއެކު ހުޅުމާލޭ ރޭސިންގ ޓްރެކްގައި ކުރިއަށްގެންދިޔަ މި މުބާރާތުގައި ސްކޫލްތަކުން ބައިވެރިވި 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް، އަދި 18 އަހަރުންދަށުގެ ދެޖިންސްގެ ކުދިން 1 ކިލޯ މީޓަރުން ފެށިގެން 5 ކިލޯމީޓަރާއި ހަމައަށް ބައިސްކަލް ދުއްވުމުގެ ބުރުތައްވަނީ ބާއްވާފައެވެ. މިއިން ކޮންމެ އުމުރު ފުރާއަކުން އަންހެން ފިރިހެން ވަކިން، އެއްވަނަ، ދެވަނަ، އަދި ތިންވަނަ ހޮވާ އެކުދިންނަށް ވަނީ ބައިކްމޯލްޑިވްސް އިން މެޑައްޔާއި، ހަނދާނީ ލިޔުން ދީފައެވެ.

ފުރަތަމަ އިންޓަރ ސްކޫލް ބައިސްކަލް ދުއްވުމުގެ މުބާރާތާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން ބުނީ ސްކޫލްތަކުގެ މެދުގައި ބޭއްވުނު ފުރަތަމަ މުބާރާތް ވަރަށް ކާމިޔާބުކަމަށާއި، މިމުބާރާތް ކޮންމެ އަހަރަކުވެސް ސިލްސިލާގޮތެއްގައި ބޭއްވުމަށް ނިންމާފައިވާކަމަށެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ދަރިވަރަކީވެސް ބައިސްކަލް ދުއްވުމުގައި ބޭނުންކުރާ ހުރިހާ އާލާތްތައް ގެންގުޅޭ އެފަދަ އާލާތްކަށް ފަރިތަ ބައިވެރިއަކަށް ވާންޖެހޭކަމަށާއި، މޮޅަށް ދުއްވާ ވަނަ ހޯދުމަށް ބައިކްމޯލްޑިވްސް އިން ދޭ ތަމްރީނުތަކުގައި ބައިވެރި ވުމުން އޭގެ ފައިދާ ދަރިވަރުންނަށް ލިބިގެންދާނޭކަމަށްވެސް އަސްމާ ބުންޏެވެ.

މުބާރާތުން އެއްވަނަ އަދި ދެވަނަ ހޯދި ސީ.އެޗް.އެސް.އީ އާއި ޣާޒީ ސްކޫލްގެ ދަރިވަރުން ބުނީ، މިއީ ބައިސްކަލް ދުއްވަން ޝައުޤުވެރިވާ ކުދިންނަށް ހުޅުވިގެންދިޔަ ރަނުގެ ފުރުސަތެއް ކަމަށާއި، މިބާރާތުގައި ވާދަކޮށް ވަނަ ލިބުމުން ވަރަށް ބޮޑު ހިންހަމަޖެހުމެއް ލިބުނުކަމަށެވެ.

ދިރާގުގެ އެހީތެރިކަމާއެކު ދެ ދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ބައިސްކަލް މުބާރާތް ކުރިއަށްގެންދަން ބައިކް މޯލްޑިވްސްގެ އެކްސްކޯ މެންބަރުންނާއި، އާއިލާތާކާއި ހެޔޮ އެދޭ ފަރާތްތަކުން ބުރަމަސައްކަތްތަކެއް ކުރިކަން ބައިކްމޯލްޑިވްސް އިން ފާހަގަކުރެއެވެ. ފުރަތަމަ ފަހަރުގެ ތަޖުރިބާގެ އަލީގައި އަންނަ އަހަރު މިމުބާރާތް ވަރަށް ކުލަގަދަކޮށް ބާއްވާނެކަމަށް އެޖަމިއްޔާއިން ބުނެއެވެ.