ޚަބަރު

ރައީސް އުރުދުޣާނާ ދެކޮޅަށް އިދިކޮޅު ޕާޓީން ނެރެނީ މުހައްރަމް އިންސް


ތުރުކީވިލާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި އެ ޤައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ ކަމަށްވާ ރިޕަބްލިކަން ޕީޕަލްސް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުގެ ނަން، އެ ޕާޓީން ހާމަކޮށްފިއެވެ. ރިޕަބްލިކަން ޕީޕަލްސް ޕާޓީން ބުނީ ރައީސް ޠައްޔިބު އުރުދުޣާނާ އާ އެޕާޓީގެ ފަރާތުން ވާދަކުރައްވާނީ މުޙައްރަމް އިންސް ކަމަށެވެ.

އިންސަކީ އުރުދުޣާންގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އެހެންނަމަވެސް އިންތިޚާބެއްގައި އިންސަށް އުރުދުޣާން ބަލިކުރެވިދާނެ ކަމާމެދުވަނީ ސުވާލު އުފެދިފައެވެ.

ތުރުކީވިލާތުގައި ރިޔާސީ އިންތިޚާބާއި ބަރުލަމާނީ އިންތިޚާބު ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ ޖޫންމަހުގެ 24 ވަނަ ދުވަހުއެވެ. އެއީ އިންތިޚާބު ބާއްވަންޖެހޭ ތާރީޚަށްވުރެ އެއްއަހަރު ކުރިއެވެ.

އުރުދުޣާން އިންތިޚާބުތައް އަވަސްކުރެއްވުމަށް ނިންމެވީ އޭނާ ބޭނުންވެވަޑައިގަންނަވާ މުހިއްމު ނިންމުންތަކެއް ނިންމެވުމުގެ ކުރިން އޭނާއަށް ރައްޔިތުންގެ ތާއީދު އޮތް މިންވަރު ބެއްލެވުމުގެ ގޮތުންކަމަށް މުރާސިލުން ބުނެއެވެ. އުރުދުޣާންގެ ވެރިކަމުގައި ތުރުކީވިލާތަށް ގެނަސްފައިވާ ތަރައްޤީއާއި، އެ ޤައުމަށް ލިބިފައިވާ އިޤްތިޞާދީ ކުރިއެރުމުގެ ސަބަބުން، ތަނަވަސް އަޣިލަބިއްޔަތަކުން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނީ އުރުދުޣާންކަމަށް ޚިޔާލު ހޯދުމުގެ ސަރވޭތަކުން ދައްކައެވެ.