ޚަބަރު

މި އަހަރުގެ ރަމަޟާން މަހު ދެ މިލިޔަނެއްހާ މުސްލިމުން ޢުމްރާކުރުމަށް ހަމަޖެހިފައިވޭ- ސަޢުދީ ޢަރަބިޔާ


މި އަހަރުގެ ރަމަޟާން މަހު، އުމްރާގެ އަޅުކަން އަދާކުރުމަށްޓަކައި ދުނިޔޭގެ އެކި ޤައުމުތަކުން ދެ މިލިއަނެއްހާ މުސްލިމުން ކަޢުބަތުﷲ ގެފުޅަށާއި އެތަނުގެ ވަށައިގެންވާ މުޤައްދަސް ބިންތަކަށް ޒިޔާރަތްކުރާނެކަމަށް ސައޫދީ އަރަބިޔާއިން ބުނެފިއެވެ.

ޙައްޖާއި އުމްރާގެ ކަންކަމާބެހޭ ސައޫދީ ވުޒާރާއިން ބުނީ، މައްކާގެ ހަރަމްފުޅާއި އެ ނޫންވެސް އުމުރާވެރިން ޒިޔާރަތްކުރާ ތަންތަނުގެ ހުރިހާ ކަމެއް ވަނީ ރަމަޟާންމަހަށް ތައްޔާރުވެފައި ކަމަށާއި، މީގެއިތުރުން ޖިއްދާގެ އެއާޕޯޓުގެ ޚިދްމަތްތަކާއި އެއްގަމު ދަތުރުތަކާއި ހޮޓާތައްވެސް އުމުރާވެރިންނަށް ޚާއްސަކޮށްގެން އިންތިޒާމްކޮށްފައިވާކަމަށެވެ.

މަދީނާއަށް ޒިޔާރަތްކުރާ އުމުރާވެރިންނަށްވެސް އެކަމުގެ އިންތިޒާމްތައް ހަމަޖެހިފައިވާކަމަށް ސައޫދީ ސަރުކާރުން ބުނެއެވެ.

ޙައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 15 މިލިޔަނެއްހާ މުސްލިމުން މައްކާ އާއި މަދީނާގެ މުގައްދަސް ބިންތަކަށް ޒިޔާރަތްކުރާކަމަށް ސައޫދީ ސަރުކާރުން ނެރޭ ރަސްމީ ތަފާސްހިސާބުތައް ބުނެއެވެ. ސައޫދީ ސަރުކާރުން ދާދިފަހުންވަނީ ޒަމްޒަމް ވަޅުކޮޅާ ގުޅިފައިވާ ބޮޑު މަރާތެއްވެސް ކޮށްފައެވެ.