ޚަބަރު

ޖަމިއްޔަތުލް ފަލާޙްގެ 18 ވަނަ ތުއްތު ކުދިންގެ ޤުރުޢާން މުބާރާތް ފަށައިފި


ޖަމިއްޔަތުލް ފަލާޙްގެ ބާނީ ޢަބޫބަކުރު އިބްރާހީމްގެ ހަނދާނުގައި ބާއްވާ ތުއްތު ކުދިންގެ 18 ވަނަ ޤުރުއާން މުބާރަތް ފަށައިފިއެވެ.

ޤުރުއާން މުބާރާތުގެ ކިޔެވުން ކުރިއަށްދާނީ މިއަދު ހަވީރުގެ ނިޔަލަށް ޖަމްޢިއްޔަތުލް ފަލާޙުގައެވެ. މިއީ މާލޭގެ ހުރިހާ ޕްރީސްކޫލަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. އެގޮތުން ކޮންމެ ސްކޫލަކުން 05 ދަރިވަރުން ބައިވެރިވާ ކަމަށް ޖަމިއްޔަތުލް ފަލާޙުން މަޢުލޫމާތުދެއެވެ. މުބާރާތުގައި 20 ސްކޫލަކުން ޖުމްލަ 98 ދަރިވަރުން ބައިވެރިވެއެވެ. އަދި މުބާރާތް ކުރިއަށް ގެންދަނީ ހިތުން ކިޔެވުމުގެ ބައި އެކަނި ހިމެނޭ ގޮތަށެވެ.

ޖަމިއްޔަތުލް ފަލާޙް ތުއްތުކުދިންގެ ޤުރުޢާންމުބާރާތަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރުޢާނަށް ލޯބި ޖައްސާއި ކީރިތި ޤުރުޢާން ހިތުދަސްކުރުމަށް ހިއްވަރު ދިނުމާއި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުޢާން ކިޔަވަންދަންނަ ގިނަ ދަރިވަރުން އުފެއްދުމަށް ކުރިއަށް ގެންދާ މުބާރާތެކެވެ. މިމުބާރާތުގައި ދަރިވަރުން ބައިވެރިވާ އަދަދު އެއްއަހަރަށްވުރެ އަނެއް އަހަރު އިތުރުވަމުން އަންނަކަމަށް ޖަމިއްޔަތުލް ފަލާޙުން ބުނެއެވެ. މިއީ މިމުބާރާތް މެދުނުކެނޑި ބާއްވާ 18 ވަނަ އަހަރެވެ.