ޚަބަރު

ރައީސްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަކީ ރާއްޖެދުން އެންމެ ހީވާގި އަންހެނާ - ނިހާން


ދިވެހިރާއްޖޭގެ ތާރީޚުގައި އެހެން އެއްވެސް އަންހެން ބޭފުޅެއްގެ ފަރާތުން ނުފެންނަފަދަ ގިނަގުނަ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ގެ ފަރާތުން ފެންނިފައިވާކަން ފާހަގަކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަޙްމަދު ނިހާން ހުސައިން މަނިކް އެކަމަނާއަށް ތަޢުރީފްކުރައްވައިފިއެވެ.

ފުވައްމުލަކުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނިހާން ވިދާޅުވީ ރައީސްގެ އަނބިކަނބަލުން ކުރިއަށް ނުކުމެވަޑައިގަން އިޖްތިމާޢީގޮތުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ސަބަބުން އެންމެނަށް އެކަމުގެ އުފާވެރިކަން ލިބިފައިވާކަމަށެވެ. ޚާއްސަކޮށް އެކަމަނާ ފަށްޓަވާފައިވާ "އެންމެ ގާތުން" ކެމްޕެއިންގެދަށުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި، އިސްރައްވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަމުންދާ އެހީ ނިހާން ވަނީ ފާހަގަކުރައްވާފައެވެ.

ނިހާން ވިދާޅުވީ މިއީ މީގެކުރިން އެހެން އެއްވެސް "ފަސްޓްލޭޑީ"އެއްގެ ކިބައިން ފެނިފައިވާ މަސައްކަތްޕުޅުތަކެއް ނޫންކަމަށާ، މިކަމުން ދައްކުވައިދެނީ މި ސަރުކާރުން ރައްޔިތުންގެ ޙާލު ގާތުން ބައްލަވައި، ކުރިމަތިވާ މައްސަލަތައް ދެނެގަނެ އެކަންކަން ޙައްލުކުރުމަށްދޭ އިސްކަންކަން ނިހާން ފާހަގަކުރެއްވިއެވެ. މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

މިޖަލްސާގައި ވާހަކަފުޅުދެއްކެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވަނީ އަތޮޅުތަކުގެ ތަރައްޤީއަށް ސަރުކާރުން ގެންނަވާ ތަރައްޤީގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމަށް ލިބެމުންދާ ކުރިއެރުންތަކުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.