ޚަބަރު

ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނެ މީހެއް އދ.އަކަށް ނުނިންމޭނެ - އާޒިމާ


އދ.އިން ނިންމި ނަމަވެސް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެވޭނީ ރާއްޖޭގެ ޤާނޫނު އަސާސީ ހުއްދަކުރާ މީހުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، ފުވައްމުލައް ސިޓީގައި އެކަލަސް، މިކަލަސް، ދެނަސް ރައީސް ޔާމީން 2018 މި ނަމުގައި ޕީޕީއެއމްއިން ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެވެންޖެހޭނެ ކަމަށް ބަޔާންކޮށް އދ.ގެ ބައެއް ފަރާތްތަކުން ގޮވާލަމުންދާ ގޮވާލުންތަކަށް ރައްދު ދެއްވަމުން އާޒިމާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނީ އަސާސީގެ 105 މާއްދާގެ ދަށުން ރާއްޖޭގެ ވެރިކަމަށް ޝަރުޠު ހަމަނުވާ މީހެއްގެ ހައިޞިއްޔަތުން މުޙައްމަދުގެ ނަޝީދުގެ ނަން ވޯޓު ކަރުދާސް ކޮޅުގައި ނޯންނާނެކަމަށެވެ.

އަދި އެކަން އެހެންގޮތަކަށް ބަދަލުކުރުމުގެ ފުރުސަތެއް ބޭރުގެ ފަރާތަކަށް ނެތްކަން އާޒިމާ ފގާހަގަކުރެއްވިއެވެ. އާޒިމާ ވިދާޅުވީ 01 ފެބްރުއަރީގައި ރާއްޖެއިން ފެނިގެން ދިޔައީ ޤައުމުގެ އިސް މަޤާމުތަކެއް ޙަވާލުކޮށްފައި ތިބި ބަޔަކު ވިޔަފާރި ވެރިއައްގެ ތިޖޫރީން ގަނެލެވިގެންދިޔަ ބައެއްގެގޮތުގައި ކަމަށާ އެހެން އެކަން ވުމުން ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެ ސިފަވެގެން ދިޔައީ ފައިސާ އަށް ގަނެލެވޭނެފަދަ ޤައުމެއްގެ ގޮތުގައި ކަމަށް އާޒިމާ ވިދާޅުވިއެވެ.

"މިހާތަނަށް އައިއިރު 3 ރައީސުންނާއެކު މަސައްކަތް ކުރެއްވިއްޖެ. ނަމަވެސް އެކެއް ފެބްރުއަރީގައި ފެނިގެންދިޔައީ ކެތްތެރިކަމާ ޙިކްމަތްތެރިކަމާ މަޑުމައިތިރިކަމާއެކު މަސައްކަތް ކުރެއްވި ވެރިއެއް. އެދުވަހު އެމަނިކުފާނުގެ ޙިކްމަތު ޢަމަލީ ކާމިޔާބު ވެގެން ދިޔައީ ދިވެހި ދިފާއީ ބާރުގައި ޤައުމާއި މިނިވަންކަމުގެ ހައްޤުގައި ކޮށްގެން ތިބި ހުވަޔާއެއް އެއްކޮށް ނުކުންނަން ކެރުނު ދިވެހި ބަޠަލުންގެ ސަބަބުން."

އާޒިމާ ޝަކޫރު ވިދާޅުވިއެވެ.

މި ޤައުމުގެ މިނިވަންކަމާއި ދީނާ އިސްތިޤުލާލުގެ ޙައްގުގައި މޭ އައްޑަނައަކަށް ނެރެގެން ނުކުންނާނެ ދަރީން މިއަދުވެސް އެބަތިބި ކަމަށާ ދިވެހި ތާރީޚުން ފިލާވަލު ލިބިގަނެ ދިވެހި އަބުޠާލުން ދައްކަވާފައިވާ ނަމޫނާ އިން ނަމޫނާ ލިބިގަނެ ނުކުންނާނެ އެދަރިން ނުކުންނާނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.