ޚަބަރު

އަޅުގަނޑަށް މިމަސައްކަތް ކުރެވެނީ ރައީސް ފުރުސަތުދެއްވާތީ - ރައީސްގެ އަނބިކަނބަލުން


ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައި، ރައްޔިތުންގެ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ކުރައްވާ މަސައްކަތްޕުޅަކީ ރައީސް އެފުރުސަތު ދެއްވާތީ ކުރެއްވޭ ކަމެއްކަމަށާ، ރައީސް ޔާމީނަކީ ފިރިއެއްގެ ޙައިސިއްޔަތުންވެސް ނަމޫނާ ބޭފުޅެއްކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިހާރު ފުވައްމުލަކުގައި ކުރިއަށްދާ ޕީޕީއެމްގެ ޖަލްސާ ވާހަކަފުޅުދައްކަވަމުންނެވެ. މިރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ ރައީސް ޔާމީން ވަނީ ކުރު މުއްދަތެއްގައި ރާއްޖޭގެ މަލަމަތި ބަދަލުކުރައްވައި ތަރައްޤީ ގެންނަވާފައިކަމަށެވެ. ރައީސްޔާމީންގެ ހިތްވަރުފުޅު ދެއްވުމާއެކު ފެށްޓެވި މަސައްކަތުގައި އެކަމަނާއަށް ދެމި ހުރެވުމުގެ އަސްލަކީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ލޯތްބައި އެހީތެރިކަންކަން އެކަމަނާ ފާހަގަކުރެއްވި.

"ރައްޔިތުންގެ ބައިވެރިވުމަކީ އެންމެ ބޮޑު ހިތްވަރު. ވަރުބަލިކަމެއް ނެތި މިހިރީ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ލޯބީގެ ސަބަބުން." މެޑަމް ފާތުން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ވިދާޅުވީ ތަރައްޤީއާއެކު ރައްޔިތުންގެ ވިސްނުމަށް ބަދަލު އަންނަމުންދާ މަންޒަރު ފެންނަމުންދާ ކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ އަސާސީ ޚިދުމަތްތަކާއި އެފަދަ ވަސީލަތްތައް ޤާއިމްކުރުމަށްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ މިތަރައްޤީ ދެމެހެއްޓޭނީ ރައީސް ޔާމީން އިތުރު ދައުރަކަށް އިންތިޚާބުކޮށްގެންކަމަށެވެ. އެހެންކަމުން އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ވޯޓް ދިނުމަށް އެކަމަނާ އެދިވަޑައިގެންނެވިއެވެ.

ރައީސް ޔާމީންގެ އަނބިކަނބަލުން ފާހަގަކުފެވެނީ މިހާތަނަށް ރާއްޖެދުށް އެންމެ ޙަރަކާތްތެރި "ފަސްޓް ލެޑީ" ގެ ގޮތުގައެވެ. މިހާތަނަށް އެހެން އެއްވެސް ރައީސެއްގެ އަނބިކަނބަލަކު ނުކުރައްވާ ފަދަ ވަރުގަދަ ސިޔާސީ، އިޖުތިމާޢީ މަސައްކަތްތަކުގައި އެކަމަނާ ޙަރަކާތްތެރިވެވަޑައިގަންނަވައެވެ. މިކަމަށް އިޝާރާތްކުރައްވައި އެކަމަނާ ވިދާޅުވީ މިމަސައްކަތުގައި އެކަމަނާއަށް ހިތްވަރުދެއްވައި އެހީތެރިވެވަޑައިގަނަވަނީ ފިރިކަލުން ރައީސް ޔާމީންކަމަށެވެ.

ރައީސް ޔާމީނަކީ ނަމޫނާ ފިރިހެން ބޭފުޅެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ފިރިހެނުން ވެސް ރައީސް ޔާމީން، މިސާލެއްގެގޮތުގައި ބަލަންޖެހޭކަމަށެވެ.

އެކަމަނާ އުއްމީދު ކުރައްވަނީ ރާއްޖެއަކީ އިސްލާމީ އުސޫލުތަކާއި ދިވެހި ވަންތަކަން އޮތް ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ޤައުމެއްގެ ގޮތުގައި ދެމިއޮތުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.