ޚަބަރު

ފެބްރުއަރީ 1ގައި އެހެން ވެރިއަކު ހުރިނަމަ ރާއްޖޭގައި މިހާރު އޮތީހީ އަސްކަރީ ވެރިކަމެއް - ޑިފެންސް މިނިސްޓަރ


ފެބްރުއަރީ 1 ގެ ޙާދިސާ ހިނގިއިރު ރައީސް ޔާމިން ނޫން އެހެން ވެރިޔަކު ރާއްޖޭގެ ވެރިކަމުގައި ހުރިނަމަ މިއަދު ރާއްޖެއިން ފެނިގެންދާނީ އަސްކަރީ ވެރިކަމަކާއި، އެހެން ދީންތަކަށް ޖާގަ ދެވިފައި އޮތް މަންޒަރުކަމަށް ޑިފެންސް މިނިސްޓަރ ޢާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރު ވިދާޅުވީ ވެރިކަމުގެ މަސްއޫލިއްޔަތު ޢަދާކުރުމަށް ރައީސް ޔާމީނަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުންދިޔަ ނަމަވެސް، އެމަނިކުފާނު ހުންނެވީ އަބަދުވެސް ރާއްޖެ ހަމަމަގަށް އަޅުއްވައި، ރާއްޖޭގެ އަަމަންއަމާންކަމާއި އިސްތިޤްލާލު ދެމެހެއްޓުންމަތީ ސާބިތުކަމާއެކުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެން، ފުވައްމުލަކުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ވަހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު ވިދާޅުވީ 2009 ވަނަ އަހަރުންފެށިގެން މި ސަރުކާރުގެ ވެރިކަން ފެށުމާހަމައަށް ފުވައްމުލަކުގައި ހިންގާފައިވަނީ އެންމެ 9 މަޝްރޫޢުކަމަށެވެ. އެހެންނަމަވެސް ރައީސް ޔާމިންގެ ވެރިކަމުގައި ވޭތުވެދިޔަ 4 އަހަރުދުވަހުގެތެރޭގައި ފުވައްމުލަކުގައި 41 މަޝްރޫޢު ކުރިއަށްގެންގޮސްފައިވާކަމަށެވެ.

ރާއްޖެ މިހާރު މިދެކެމުންމިދާ ތަރައްޤީގެ ބާނީއަކީ ރައީސް ޔާމީންކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މުޖުތަމަޢުގައިހުރި އިޖްތިމާއީ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައިވެސް ރައީސް ޔާމީންގެ ސަރުކާރުންވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިކަމަށެވެ. އެގޮތުން ޒުވާނުންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވާލައްވައި، ވަޒީފާ އަދާކުރާ ޒުވާނުންގެ ޢަދަދު އެތައްގުނައަކަށް އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މީގެ ސަބަބުން ކުށްކުރާ މިންވަރު މަދުވަމުން އަންނަކަން ފުލުހުންގެ ރެކޯޑްތަކުން ފެންނަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.