ޚަބަރު

އައިޔޫއެމްގެ ޗާންސެލަރ "ކިންގް ފަހަދު ކޮންޕްލެކްސް"އަށް ޒިޔާރަތް ކުރައްވައިފި


އިސްލާމިކް ޔުނިވާރސިޓީ އޮފް މޯލްޑިވްސްގެ ޗާންސެލަރ ޑރ މުހައްމަދު ޝަހީމު އަލީ ސައީދު ސަޢުދީ ޢަރަބިއްޔާގައި ހުންނަ ކީރިތި ޤުރުއާން ޗާޕުކުރާ "ކިންގް ފަހަދު ކޮންޕްލެކްސް"އަށް ޒިޔާރަތްކުރައްވައިފިއެވެ.

ޑރ.ޝަހީމު މިތަނަށް ޒިޔާރަތްކުރެއްވީ ސަޢޫދި އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ ރަސްމީދަތުރުފުޅުގެ ތެރެއިންނެވެ. މިޒިޔާރަތުގެ ތެރެއިން ޑރ.ޝަހީމު ވަނީ ކިންގް ފަހަދު ކޮންޕްލެކްސްގައި ކީރިތި ޤުރުއާނުގެ މުސްހަފް ޗާޕުކުރުމުގެ ކަންތައްތައް ކުރިޔަށްދާ ގޮތް ބައްލަވާލައްވާފައެވެ. މި ޒިޔާރަތައްފަހު މިތަނުގެ އޮފިޝަލުންނާއެކު ބޭއްވި ބައްދަލްކުރެއްވުމުގައި ޑރ.ޝަހީމްވަނީ ސަޢުދީ ސަރުކާރުން މުސްލިމް އުއްމަތަށްޓަކާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތަޢުރީފުކުރައްވާ އެންމެހާ މުސްލިމުންގެ ނަމުގައި ޝުކުރުއަދާކުރައްވާފައެވެ.

އަދި އިސްލާމް ދީނާއި ކީރިތި ޤުރުއާން ދިރުވައި އާލާކޮށް، ކުރިއެރުވުމުގައި ސަޢުދީ ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތައް ޑރ.ޝަހީމް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން މުސްލިމުންގެ ރައްކާތެރިކަމާ، ލާބައާ މަންފާއަށް ކުރާ ހުރިހާ ކަމެއްގައި ރާއްޖޭގެ ސަރުކާރުން އަބަދުވެސް ސަޢުދީ ސަރުކާރަށް އެހީތެރިވެ، އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ޑރ.ޝަހީމް ވިދާޅުވިއެވެ.

މިދަތުރުފުޅުގެ ތެރެއިން އައިޔޫއެމްގެ ޗާންސެލަރވަނީ އިސްލާމިކް ޔުނިވާރސިޓީ އޮފް މަދީނާއަށްވެސް ޒިޔާރަތްކުރައްވައި އެޔުނިވާރސިޓީގެ ރެކްޓަރ ޑރ.ޚާތިމް އަލް މަރްޒޫޤީއާ ބައްދަލްކުރައްވާފައެވެ. މިބައްދަލްކުރެއްވުމުގެ ތެރެއިން ދެ ޔުނިވާރސިޓީން އެކުގައި މަސައްކަތްކުރެވޭނެ ދާއިރާތަކާބެހޭ ގޮތުން ދެފަރާތުން މަޝްވަރާކުރެއްވިއެވެ. އަދި ރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ސްޓާފުންނަށް އަމާޒުކޮށް ޢަރަބި ބަސް ދަސްކޮށްދިނުމުގެ ހަރަކާތަކާ، ރާއްޖޭގެ ދަރިވަރުންނަށް ޕީ.އެޗް.ޑީ ސްކޮލަޝިޕް ފުރުސަތު ދިނުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރަކުރެއްވިއެވެ.