ޚަބަރު

ގއ.ވިލިނގިލީގެ އެކި އިދާރާތަކުގެ އޮފިޝަލުންނާ ޒެނީޝާ ބައްދަލުކުރައްވައިފި


މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޖެނީޝާ ޝަހީދު ޒަކީ ގއ.ވިލިނގިލީގެ އެކި އިދާރާތަކުގެ އޮފިޝަލުންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުވުންތައް ކުރިޔަށް ގެންގޮސްފައިވަނީ ޖެންޑަރ މިނިސްޓަރ ގއ.ވިލިނގިޔަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.
މި ދަތުރުފުޅުގައި، ގއ.ވިލިނގިލީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ސެންޓަރުގެ މުވައްޒަފުންނާ އެ ކަމަނާ ވަނީ މަޝްވަރާކުރައްވާފައެވެ.

ގއ.ވިލިނގިއްޔަށް ކުރެއްވި މި ދަތުރުފުޅުގައި، ގއ.އަތޮޅު ކައުންސިލާއި ގއ.އަތޮޅުގައި ގާއިމުކުރެވިފައިވާ ރީޖަނަލް ކޮމާންޑް ޕޮލިސް ސްޓޭޝަންގެ ބޭފުޅުންނާ ވެސް މިނިސްޓަރ ޒެނީޝާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އުމުރުން ދުވަސްވީ މީހުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި އެ މުއައްސަސާތަކާ ގުޅިގެން މިނިސްޓްރީން ކުރެވިދާބެ ކަންތައްތަކާއި ގުޅޭ ގޮތުންވަނީ މަޝްވަރާކުރައްވާފައެވެ. އަދި ގއ.އަތޮޅު ހޮސްޕިޓަލުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ޚާއްޞަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެ ހޮސްޕިޓަލުން ދެމުން ގެންދާ ހިދުމަތްތަކުގެ މައުމޫމާތުވެސްވަނީ އޮޅުން ފިލުއްވާފައެވެ.

މީގެ އިތުރުން، ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާވެސް ޒެނީޝާ ވަނީ ބައްދަލުކުރައްވާފައެވެ.
މިނިސްޓަރގެ މިދަތުރުފުޅުގައި ޖެންޑަރ މިނިސްޓްރީގެ އިސް އޮފިޝަލުންނާ، ޔުނިސެފުން ރާއްޖެއަށް ކަޑައަޅާފައި ހުންނަ މަންދޫބު މުހައްމަދު އަލް-މުނީރު ސަފިއެލްދިންވެސް ބައިވެރިވެޑައިގަތެވެ.