ޚަބަރު

މިއަހަރުގެ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފި


ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހުން ފެށިގެން މިމަހުގެ 15ގެ ނިޔަލަށް ހުޅުވާލައިފައިވާކަމަށެވެ. މި އަހަރުގެ ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާއިރު މިދިޔަ އަހަރު ފަޤީރުންގެ ލިސްޓުގައި ހިމެނިފައިވާ ފަރާތެއްނަމަ އަލުން ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅަން ނުޖެހޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. މާލޭގައި ދިރިއުޅޭ ރައްޔިތުން މި ފޯމް ހުށައަޅަންޖެހެނީ އިސްލާމިކް މިނިސްޓްރީއަށެވެ. އަތޮޅުތަކުން ފޯމް ހުށައަޅަންޖެހެނީ އެމީހަކު ހުރި ރަށެއްގެ ރަށު ކައުންސިލްތަކަށެވެ.

އައްޑޫސިޓީ ހިތަދޫއިން ފޯމު ހުށަހަޅަންޖެހޭނީ އައްޑުގައި ހުންނަ އިސްލާމިކް މިނިސްޓްރީގެ ޔުނިޓަށެވެ. ހުޅުދޫ އަދި މީދޫ އިން ނަސްރިއްޔާ ޕްރީސްކޫލަށް ފޯމް ހުށައަޅަންޖެހޭއިރު މަރަދޫއާއި މަރަދޫފޭދޫއިން ފޯމު ހުށަހަޅަން ޖެހެނީ ތަދުރީސުލް ޤުރްއާން ކްލާހަށެވެ. ފޭދޫއިން ފޯމް ހުށައަޅާނީ ލޭންޑް އެންޑް ބިލްޑިންގް މުނިސިޕަލްޓީ ޑިޕާޓްމަންޓަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ފުވައްމުލަކު ސިޓީގެ ރައްޔިތުންގެ ތެރެއިން ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން އެދޭ ފަރާތްތަކުގެ ތެރެއިން ފުވައްމުލަކު ދާއިރާތަކުގެ ރައްޔިތުން ފޯމު ހުށަހަޅަން ޖެހެނީ އެ ސަރަހައްދެއްގެ ލޭންޑް އެންޑް ބިލްޑިންގެ ހައުސިންގް ޔުނިޓަށެވެ. އަދި ގދ. ތިނަދޫއިން ފޯމް ހުށައަޅަންޖެހޭނީ ތިނަދޫ މީޑިއާ ސެންޓަރަށެވެ.

ފަގީރެއްގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކު 44 ރުފިޔާ ނުލިބޭ މީހުންނެވެ.

މިިދިޔަ އަހަރު ފަޤީރުންގެ ގުތުގައި 16229 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ. މީގެތެރެއިން 3138 މީހުން މާލެ ރަޖިސްޓްރީކޮށްފައިވާއިރު 13091 މީހުން ރަޖިސްޓްރީކޮށްފައިވަނީ އަތޮޅުތަކުންނެވެ.