ޚަބަރު

އަރާމު ނިދި ދޫކޮށްލުމަށް ފަހު މާލޭ ސާފުކުރުމުގައި ހިވާގި ކަނބަލުން


ފަތިހު އަރައިގެން އަންނަ އިރާއިއެކު އަންހެންވެރިން ނުކުމެ ރަށު ތެެރޭ ކުނިކަހާ ސާފުކުރާ މަންޒަރަކީ ޒަމާނުންސުރެ ރާއްޖޭގެ އެކި ހިސާބުތަކުން ފެންނަމުން އަންނަ ދިވެހިންގެ ދުވަސްވީ ސަގާފަތެކެވެ. ކުދި ބޮޑު އެންމެން ހޭލައިގެން މަގުތަކަށް ނުކުންނަން ވާއިރަށް ހީވާގި ކަނބަލުންގެ ބުރަ މަސައްކަތުން މުޅި ރަށުތެރެެ ކުނިކަހާ ސާފުކޮށްލައެވެ. މިއަދު މި މަންޒަރު މި ދަނީ ވެރިރަށް މާލޭގެ މަގުތަކުންވެސް ފެންނަމުންނެވެ.

ރާއްޖޭގެ ރަށްތަކުން ފަތިހު އިރުއަރައިގެން އަންނަ އިރު އަންހެން ވެރިން ނުކުމެ ރަށުތެެރޭ ކުނިކާ މަންޒަރު މިއަދު މިވަނީ ވެރިރަށް މާލެއިން ވެސް ފެންނަން ފަށާފައެވެ. އެހެންނަމަވެސް ފަތިހުގެ ބަންގިއާއި އެކަކު ނޫނެވެ. ކާރޫބާރު ބޮޑު މަގުތައް ހިމޭންވެ މީހުންގެ ފައިތަލަ އޮބޭ ހިސާބުން ދަންވަރު ބާރަ ޖެހުމާއި އެކި ބައިބަޔަށް އެކި ދިމާ ދިމާލުން އަންހަނެ ކަނބަލުން ވެރިރަށް މާލޭގެ މަގުތަކަށް ނުކުންނަށް ފަށ\ައެވެ. ފިހި ގަނޑުތަކާއި އިލޮށި ފަތިތައް ހިފައިގެން ނުކުމެ މަގުތަކާއި ޕާކުތަކާއި މީހުން އެއްވެ އުޅޭ ހުރިހާ ސަރަޙައްދެއް ސާފުކުރަން ފަށާފައެވެ. ހެނދުނު ދުވަން ނުކުންނަ މީހުންނާއި ހިގަން ނުކުންނަ މީހުންނަށް ޕާކުތައް ސާފުތާހިރު ތަނަކަށް ހަދާދެއެވެ. ސްކޫލަށް ދާ ދަރިވަރުންނާއި އޮފީސްތަކަށް ދާ ނުކުންނަ މީހުން ދަތުރުކުރާ މަގުތައް ރީތި ތަނަކަށް ބަދަލުކޮށްލައެވެ. އެއްވެސް ވަރުބަލިކަމެއް ނެތި ފޫހިކަމެއްވެސް މި ކަނބަލުންތަކުގެ މޫނުމަތިން ފެންނާކަށް ނެތެވެ. އުޖޫރައެއް ލިބުނުނަމަވެސް ރޭ ގަނޑުގެ އަރާމު ނިދި މަހުރޫމުކޮށްލާފައި ނުކުންނަ މި ކަނބަލުންގެ މަސައްކަތުން ބޮޑަށް ފެނިގެންދިޔައީ ލިބޭ އުޖޫރައަށް ވުރެ ކުރާ ޤައުމީ ހިދުމަތެއްގެ ގޮތުގައެވެ.

ކުރިން މާލޭގެ މަގުތައް ސާފުކުރުމުގައި މަސައްކަތް ކުރަމުންދިޔަ ތަން ފެންނަމުން ދިޔައީ ބިދޭސީންނެވެ. އެއްވެސް ޝައުގުވެރިކަމެއް ނެތި ޖެހުނު ގޮތަކަށް
އެ މީހުން އެ މަސައްކަތް ކޮށްލައެވެ. ބައެއް މަގުތަކަށް ތިން ހަތަރު މީހުން ނުކުމެގެން ކުނި ކެހި ނަމަވެސް ބައެއް ފަހަރަށް އެއީ ކުނި ކަހާފަ އޮތްތަނެއްހެން ހީ ނުވާ ފަހަރުވެސް އާދެއެވެ.
ޒަމާންތަކެއް ވަންދެން ކުނި އުކުލާއި ކުނި ކެހުން މީ ބިދޭސީން ކުރާ ހަޑިކަމެއްގެ ގޮތުގައި ދެކެމުން އައި ދެކުން ބަދަލުކޮށް މީ ދިވެހންނަށްވެސް ކުރެވިދާނެ އަދި މީ ހަޑި މަސައްކަތެއް ނޫންކަން މިއަދު މިވަނީ ދިވެހިން ސާބިތުކޮށްދީފައެވެ. މާލޭތެރެ ސާފުތަނަކަށް ހެދުމަށް ވެމްކޯއިން ކުރަމުންދާ މަސައްކަތުގެ ދަށުން ކޮންމެ ރެއަކު ދަންވަރު ބާރައިން ފެށިގެން ހެދުނު ހައެއް ޖެހުމާއި ހަމައަށް މާލެތެރެ ސާފުކުރުމުގައި ސަތޭކަ ފަންސާސް އަށް ދިވެހިން ދަނީ ހިވާގި ކަމާއި އެކު މަސައްކަތްކުރަމުންނެވެ. އެންމެ ފާހަގަކޮށްލަންޖެހޭކަމަކީ އޭގެ ތެރެއިން ނުވަދިހަ ނުވަ އިންސައްތައަކީ އަންހެން ކަނބަލުންކަމެވެ.
މަގުތަތައް ކުނި ކެހުމުގައި އުޅުނު އަންހެންވެރިންނާއި އަޅުގަޑު ބައްދަލުކޮށް ވާހަކަ ދައްކާލުން އެގިގެންދިޔައީ އެއްކަމެކެވެ. ޤައުމީ ހިދުމަތެއްގެ ގޮތުގައި މި މަސައްކަތް ކުރުމުގެ އިތުރުން މީ އަންހަނެނުންނަށް ލިބިގެންދިޔަ ރަނު ފުރުސަތެއްގެ ގޮތުގައި އެމީހުން ސިފަކުރެއެވެ. ބިދޭސީން ބޭރުކޮށް ދިވެހި އަންހެނުނަނަށް މި ފުރުސަތު ދިނުމަކީ ކޮންމެ މީހަކީވެސް އަމިއްލަ މަސައްކަތެއް ކޮށްގެން އާމުދަނީއެއް ހޯދިދާނެކަން އެގިގެންދިޔަ ކަމެކެވެ. މި އަންހެން ކަނބަލުން ބުނީ މީ އާމުދަނީ ހޯދުމަށް ރަގަޅު މަސައްކަތެއްކަމަށާއި މި މަސައްކަތުން ރަގަޅު އުޖޫރައެއްވެސް އެމީހުންނަށް ލިބެމުންދާކަމަށެވެ.

އާމުދަނީ ހޯދާނެ ގޮތެއް ނެތިފައި ތިބި އެތައް އަންހެން ކަނބަލުންނަކަށް މި ފުރުސަތު ހުޅުވާލަދީފައ މިވަނީ ވެމްކޯއިންނެވެ. އެކުންފުނީގެ އޮޕަރޭޝަންސް މެނޭޖަރ ހައުސް ހޯލްޑް މުޙައްމަދު ޝާން ވިދާޅުވީ އަންހެނުނަން ހުޅުވާލި މި ފުރުސަތާއިއެކު ގިނަ ކަނބަލުން މި މަސައްކަތުގައި ހަރަކާތްތެރިވަމުންދާކަމަށެވެ. މިހާރު މާލޭ ދިހަ ޒޯނަކަށް ބަހާލައިގެން މި މަސައްކަތް ކުރިނަމަވެސް މާލޭތެރެ ސާފުކުރުމަށް އެ ކުންފުނިން ކުރާ މަސައްކަތައް އެންމެންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށެވެ. މިގޮތުން އަދިވެސް ބައެއް ގޭގެއިން މަގުމައްޗަށް ކުނި މަގުމައްޗަށް ނެރެމުންދާކަމަށެވެ.

މާލެއާއި ވިލިމާލޭގެ މަގުތަކާއި އިޖްތިމާޢީ ހުރިހާ ސަރަޙައްދެއް ސާފުކުރުމަށް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއަށް ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ވެމްކޯއަށް އެ މަސައްކަތް ހަވާލުކުރުމުގެ ކުރިން މާލެތެރެ ސާފުކުރުމުގެ މަސައްކަތްކުރަމުންދިޔައީ ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުން ބިދޭސީންނެވެ. އެކަމަކު މިއަދު މިވަނީ އެކަން ނިމުމަކަށް އައިސް ދިވެހިން ކުރާ ރީތި މަސައްކަތެއްގެ ގޮތުގައި ބަދަލުވެފައެވެ.