ޚަބަރު

ރައީސްގެ އަނބިކަނބަލުން ފުވައްމުލައް ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައިފި


އެންމެ ގާތުން ކެމްޕެއިންގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުގައި އެ ސިޓީގެ ހަތަރު އަވަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސްގެ އަނބިކަނބަލުން މިއަދު ފުރަތަމަ ބައްދަލުކުރެއްވީ ދޫނޑިގަމާއި މާލެގަމް އަވަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއެވެ. އެއަށްފަހު ރައީސްގެ އަނބިކަނބަލުން، ފުނާޑާއި މިސްކިތްމަގު އަވަށު ރައްޔިތުންނާ ބައްދަލުކުރެއްވިއެވެ. ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ވަނީ ޒުވާނުންނާއި އިސްރަށްވެހިންނާއި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި ރައްޔިތުން ހުށެހެޅުއްވި ކަންކަން ފަހިކޮށްދެއްވުމާއިބެހޭ ގޮތުން ރައީސްގެ އަނބިކަނބަލުންވަނީ ރައްޔިތުންނާއި މަޝްވަރާކުރައްވާފައެވެ.

ފުނާޑާއި މިސްކިތްމަގު އަވަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ދެން ބައްދަލުކުރެއްވީ މާދަނޑާއި ހޯދަނޑު އަވަށުގެ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އެފަރާތްތަކުގެ އާއިލާތަކާއެވެ. މިބައްދަލުވުމުގައި އެބޭފުޅުންނަށް ބޭނުންވާ ކަންކަން އޮޅުއްފިލުއްވާ، އެބޭފުޅުންގެ ވާހަކަތައް އަޑުއެއްސެވިއެވެ. މިބައްދަލުވުމަށްފަހު ރައީސްގެ އަނބިކަނބަލުން ވަނީ މާދަނޑާއި ހޯދަނޑު އަވަށުގެ އިސްރައްވެހިންނާއި އަންހެން ކަނބަލުންނާ ބައްދަލުކުރައްވާ އެފަރާތްކަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާފައެވެ.

ރައީސްގެ އަނބިކަނބަލުން ފުވައްމުލަކު ސިޓީއަށް ކުރައްވަމުންގެންދަވާ މިދަތުރުފުޅުގައި މިރެއާއި މާދަމާވެސް ބައްދަލުއްވުންތައް ބާއްވަވާނެއެވެ. އަދި ހުކުރު ދުވަހުގެރޭ "އަފުން ރައީސް ޔާމީނާ އެއްކޮށް" މިނަމުގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާއަށް ތައްޔާރުވުމަށްޓަކާ ހުކުރު ދުވަހު ހަވީރު ފުވައްމުލައް ސިޓީގައި ސައިކަލު ބުރެއް ބޭއްވުމަށް ހަމަޖެހިފަވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް ފުވައްމުލައް ސިޓީއަށް ކުރައްވާ މިދަތުރުފުޅުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކާއި އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދާއި އެންވަޔަރަމެންޓް މިނިސްޓަރ ތޯރިޤް އިބްރާޙިމްގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުން ބައިވެރިވެވަޑައިގަންނަވައެވެ.