ޚަބަރު

ބްރިޖްގެ މާލޭ ކޮޅުގެ ތަނބުތައް ގުޅާލައިފި


މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖުގެ މާލެކޮޅުގެ ބްރިޖުގެ ހުރިހާ ތަނބުތަކެއް ގުޅާލައިފިއެވެ. ބްރިޖްގެ މަސައްކަތް ހިގަމުންދާ ގޮތުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ހައުސިން މިނިސްޓަރ ޑރ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މާލެ އާއި ވީކޮޅުން 540 މީޓަރުގެ ރާސްތާއެއް ގުޅާލުމުގެ މަސައްކަތް އެކޮށް ނިމިފައިވާކަމަށެވެ.

ބްރިޖްގެ ސުޕަރސްޓްރަކްޗަރގައި މިހާރު އެންމެ ބާރަށް ކުރަމުންދާ މަސައްކަތީ އެއްތަނބު އަނެއްތަނބާއި ގުޅާލުމުގެ އަޅާ ސްޓީލް ބޮކްސް ކަރޑަރ ބީމްތައް އެޅުމުގެ މަސައްކަތާއި ޑެކްއެޅުމުގެ މަސައްކަތްތައްކަމަށެވެ. ބްރިޖްގެ ތަނބުތައް ގުޅާލުމުގެ މަސައްކަތުގެ ދަށުން ސުޕަރ ސްޓްރަކްޗަރގެ އެންމެ ފުރަތަމަ ދެ ތަނބު ގުޅާލާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުއެވެ. ސަރުކާރުން މަސައްކަތްކުރަމުން ގެންދަނީ ޖުލައި މަހުގެ 9ވަނަ ދުވަހަށް ބްރިޖްގެ ސުޕަރ ސްޓްރަކަޗަރގެ ހުރިހާ މަސައްކަތްތައް ނިންމުމަށެވެ.

މާލެއާއި ހުޅުލެއާއި ދެމެދު އަޅާ ބްރިޖަކީ 1.39 ކިލޯމީޓަރ ދިގު 20.3 މީޓަރު ފުޅާ ބްރިޖެކެވެ، ބްރިޖް ޑިޒައިންކޮށްފައިވަނީ ހަތަރު ލޭނަކަށް ބަހާލައިގެންނެވެ. އެގޮތުން ކާރާއި ޕިކަޕުފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވުމަށް 2 ލޭން ޚާއްސަކޮށްފައިވާއިރު ސައިކަލާއި ހިނގާފައިއުޅޭ މީހުންނަށްވެސް ބައެއް ޚާސްކޮށްފައިވެއެވެ. މި މަޝްރޫޢުއަކީ 210 މިލިއަން ޑޮލަރުގެ މަޝްރޫޢުއެކެވެ.

ޖުލައިމަހުގެ ނިޔަލަށް ބްރިޖްގެ މަސައްކަތް ނިންމުމަށް ޢަމާޒުކޮށްފައިވާއިރު ބްރިޖަށް ދަތުރުކުރާ މައިމަގު، ބޮޑުތަކުރުފާނުމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަސައްކަތްތައްވެސް މިހާރުވަނީ ފަށާފައެވެ. އެގޮތުން އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން ކާނިވާ ސަރަޙައްދާއި ހަމައަށް ބޮޑުތަކުރުފާނުމަގު ތާރުއަޅައިގެން ތަރައްޤީކުރުމަށް މަގު ފުޅާކޮށް މަގުތަކުގައި ކާނުތައް ވަޅުލުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. ބޮޑުތަކުރުފާނުމަގުވެސް ތަރައްޤީކުރަނީ ހަތަރު ފުރޮޅު ލީ ހަތަރު ވެހިކަލް އެއްފަހަރާ ދުއްވޭ ގޮތަށް ހަތަރު ލޭން ހިމެނޭ ގޮތަށެވެ. މި ގޮތުން މަގު ފުޅާކުރުމަށް އަރޓިފިޝަލް ބީޗް ސްޓޭޖްވެސް މިހާރު ވަނީ ނަގާފައެވެ. ހައުސިންގ މިނިސްޓްރީއިން މަސައްކަތް ކުރަމުންގެންދަނީ ބްރިޖްއާއިއެކު މި މަސައްކަތްވެސް ނިންމައި އާއްމުންނަށް މަގު ބޭނުންކުރުމަށް ހުޅުވާލުމަށެވެ. މި ބަދަލާއިއެކު އެ ސަރަޙައްދުތަކުގެ މަގުތަކުގެ ބާރުކުޑަވެ ދުއްވާ އުޅަނދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ހައުސިން މިނިސްޓްރީން ބުނެއެެވެ.

އިޖުލާލު

މާލޭގެމަލަމަތި ބަދަލުކޮށްލާނެ

ޟުހޭ

ތަބުތަ ނޫނީ ބެރިތަ ގުޅީ؟