ކުޅިވަރު

ނަތީޖާއާމެދު ލަދުވެތިވަން، ދިވެހި ފުޓްބޯޅަ ކުރިއަރައިފި: އަބަހާނީގެ ކޯޗު


ފާއިތުވި ފަންސަވީހަކަށް އަހަރުގެ ތެރޭގައި ބަނގްލަދޭޝްގެ ފުޓްބޯޅަ އާއި އަޅާ ބަލާއިރު ދިވެހި ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރާފައި ވާކަމަށް ބަނގްލަދޭޝްގެ ޑާކާ އަބަހާނީ ޓީމުގެ ކޯޗު ސައިފުލް ބާރީ ބުނެފިއެވެ.

އޭ.އެފް.ސީ ކަޕްގައި އިއްޔެ ނިއުރޭޑިއަންޓް އަތުން ބަލިވި އަބަހާނީ ޓީމުގެ ކޯޗު ބުނީ އޭނާ 1991 ވަނަ އަހަރު މާލޭގައި ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެ ނިއު ބަލިކޮށްފައިވާނެ ކަމަށެވެ. އެހެންކަމުން އިއްޔެގެ މެޗުގައި އޭނާގެ ޓީމުކޮޅަށް ނިއުރޭޑިއަންޓުން ފަސް ލަނޑު ޖެހުމަކީ އޭނާއަށްވެސް ލަދުވެތި ނަތީޖާއެއް ކަމަށެވެ.

"އަހަރެން މިދަނޑުގައި ނުވަދިހަ އެއްވަނަ އަހަރު ނިއުރޭޑިއަންޓާ ދެކޮޅަށް ކުޅެ އެޓީމުކޮޅަށް ލަނޑުވެސް ޖެހިން. އޭރުގެ ފުޓްބޯޅަ އާއި އަޅާބަލާއިރު މިހާރު ދިވެހި ފުޓްބޯޅައިގެ ލެވަލް ތަފާތު. ނިއުގެ ސްޕެއިން ކޯޗު އަދި ޓީމުގެ ކުޅުންތެރިންނަށް ތައުރީފް ހައްޤު. އަލީ އަޝްފާގާއި އަލީ ފާސިރުގެ ކުޅުން ތަފާތު. ހާއްސަކޮށް އަލީ ފާސިރު ދައްކާފައިވަނީ ތަފާތު ކުޅުމެއް. ފާސިރަކީ ތަފާތު ކުޅުންތެރިއެއް." އަބަހާނީގެ ކޯޗު ބުންޏެވެ.

ބަންގްލަދޭޝްގެ ޓީމާއެކު ކުޅުންތެރިއެއްގެ ގޮތުގައި މީގެ ހަތާވީސް އަހަރު ކުރިން ރާއްޖެ އާއި ސައިފުލް ބާރީ ބުނީ އޭރު ފުޓްބޯޅައަށް ރާއްޖޭގައި މިހާބޮޑު ސަމާލުކަމެއް ދީފައި ނުވާކަމަށެވެ. އަދި އެހާގިނަ މީހުންވެސް ފެނިގެންގޮސްފައި ނުވާކަމަށެވެ.
މިހާރު ބަނގްލަދޭޝް ޓީމު ކޮޅަށް ފަސްލަނޑު ޖެހުމުން އެނގިގެންދަނީ ބަންގްލަދޭޝް ފުޓްބޯޅަ އެހާބޮޑަށް ކުރިއަށް ނުދާކަމާއި ދިވެހި ފުޓްބޯޅަ ކުރިއަރައިގެން ދިޔަ މިންވަރު ކަމަށް ކޯޗު ބުންޏެވެ.