ޚަބަރު

ރައީސްގެ އަނބިކަނބަލުން ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވައިފި


"އެންމެ ގާތުން" ކެމްޕެއިނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދަތުރުގައި އެ ސިޓީގެ ދޫނޑިގަމާއި މާލެގަމުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

ފުވައްމުލަކު ސްކޫލްގައި އޮތް މި ބައްދަލުވުމުގައި އެ ދެއަވަށުގެ ރައްޔިތުންވަނީ އެމީހުންނަށް ދިމާވެފައިވާ ކަންބޮޑުވުންތައް އެކަމަނާއާ ޙިއްސާކޮށްފައެވެ. އެގޮތުން ރައްޔިތުން ވަނީ ފުވައްމުލަކު ސްކޫލުގެ ހޯލުގެ ޖާގައިގެ ދަތިކަމާއި ސްކޫލުގެ ކްލާސް ރޫމުގެ ޖާގައިގެ ދަތިކަން ދިމާވާކަން ފާހަގަކޮށް ރައީސްގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމަށް ދަންނަވާފައެވެ.

އިސްރަށްވެހިންނާއި އަންހެން ކަނބަލުންނާއި ޒުވާނުންނާއެކު ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސްގެ އަނބިކަނބަލުން ވަނީ ޒުވާނުންގެ ހުރި ކަންބޮޑުވުންތައްވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙު މުޙައްމަދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުން މަޖިލީހުގެ ނާއިބު ރައީސް މޫސާ މަނިކާއި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާޙިމް ބައިވެރިވެވަޑައިގަތެވެ. އަދި މީގެ އިތުރުން ކުންފުނިތަކުގެ އިސްވެރިންނާއި މަޖިލިސް މެމްބަރުންވެސް ބައިވެރިވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ފުވައްމުލައް ސިޓީއަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި އެ ސިޓީގެ އެކި އަވަށްތަކުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެެ. އަދި ހުކުރު ދުވަހުގެރޭ "އަފުން ރައީސް ޔާމީނާ އެއްކޮށް" މިނަމުގައި ފުވައްމުލަކު ރައްޔިތުން ބާއްވާ ޚާއްސަ ޖަލްސާގައި އެކަމަނާ ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.