ޚަބަރު

ދިވެހިންގެ ކަންކަން ނިންމުމުގައި އިސްލާމް ދީން ޤަބޫލުނުކުރާ މީހުންގެ ބަހެއް ބޭނުމެއްނޫން - ރައީސް


އިސްލާމްދީނާއި ބީރައްޓެހި ހިޔާލުތަކާއި ފިކުރު ގެންގުޅޭ ފަރާތްތަކަށް ދިވެހިންގެ ކަންކަމުގައި ގޮތް ނިންމުމުގެ އެއްވެސް ހައްޤެއް ނެތްކަމަށާއި، އެފަދަ ކަމަކަށް މި ފަސްގަނޑުން ޖާގަ ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރުމާލު 2 ޖަގަހައިގައި ޕީ.ޕީ.އެމުން ބޭއްވި ޖަލްސާގަ ވާހަކަފުޅު ދައްކަވަމުންނެވެ.

ޕީ.ޕީ.އެމްގެ ރުމާލު 2 ޖަގަހައިގައި ބޭއްވި ޙާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ޑިމޮކްރަސީއެއްގައި އެންމެ މުހިއްމު އަސާސްތަކަކީ ހުރިހާ ބާރުތަކެއް ވަކިވެފައި އޮތުމާއި، ކަންކަން ނިންމުގައި ވިހާވެސް ގިނަ ރައްޔިތުންގެ މަޝްވަރާ ހޯދުމުގެ އިތުރުން، ހުރިހާ އެންމެންގެ މައްޗަށްވެސް ހަމަހަމަކަމާއެކު ޤާނޫނު ހިންގުންކަމަށެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހިނގަމުންދާ ކަންކަމަށް އަލިއަޅުއްވާލައްވާ އެމަނިކުފާނު ވަނީ ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

އެގޮތުން ރައީސް ޔާމީން ވަނީ ދިވެހިރާއްޖޭގައި މިހާރު އުފެދިގެން އުޅޭ މައްސަލަތަކަކީ ހަމައެކަނި ނިޒާމްތަކުގައި ހުރި އުނި ސިފަތަކެއްގެ ސަބަބުން އުފެދިގެން އުޅޭ މައްސަލަތަކެއްތޯ، މިއީ މިއަދު ކޮންމެ ދިވެހި ރައްޔިތަކުވެސް އުފައްދަންޖެހޭ ސުވާލެއްކަމަށް ވިދާޅުވެފައެވެ. އަދި ނިޒާމް ތަންފީޒްކުރަން ތިބި ބައެއްގެ ކިބައިގައި އިޙްލާސްތެރިކަމުގެ އެއްވެސް މިންވަރެއް ނެތްނަމަ، މުޅި ޑިމޮކްރަސީ ފުޑުފުޑުވެގެން ހިނގައިދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ، ދިވެހި ރައްޖެއިން ޑިމޮކްރަސީ ފަޑުވެގެންގޮސްދާނެތީ ހާސްވާން ނުޖެހޭނެކަމަށާއި، ނަމަވެސް އެއާއެކު އިސްލާމްދީން ނޫން އެހެން ދީންތަކަށް އުޅުމުގެ ފުރުޞަތު އެއްވެސް ހާލެއްގައި މިސަރުކާރުން ނުދޭނެކަމަށެވެ. އަދި އިސްލާމް ދީނާއި ބީރައްޓެހި ހިޔާލުތަކާއި ފިކުރު ގެންގުޅޭ ފަރާތްތަކަށް ދިވެހިންގެ ކަންކަމުގައި ބަސްބުނެ ގޮތް ނިންމުމުގެ އެއްވެސް ހައްޤެއް ނެތްކަމަށާއި، އެފަދަ ކަމަކަށް މި ފަސްގަނޑުން ޖާގަވެސް ނުދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، ހައްޤުތަކެއް ލިބިގެންވާ ބަޔަކީ ހަމައެކަނި ސިޔާސީ ފަރާތްތައްކަމުގައި ދެކިގެންނުވާނެކަމަށެވެ. އަދި ކިތަންމެ މަތީ މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ މައްޗަށްވެސް ޖިނާޢީ ތުޙުމަތެއް ކުރެވިއްޖެ ހިނދެއްގައި ޤާނޫނު އަސާސީ އެބޭފުޅަކާއި އަރައި ހަމަކުރާނެކަމަށެވެ. ރައީސް ވިދާޅުވީ، ކޯޓްތަކަށް ބާރު ފޯރުވައި، ކޯޓްތަކުގައި ހުރި މައްސަލަތަކާއި އެމަނިކުފާނު ނުބެހޭނެކަމަށެވެ. އެހެންނަމަވެސް ޤައުމުގެ ވަލިއްޔުލް އަމުރުގެ ހައިސިއްޔަތުން، ކޯޓުތަކުގައި ހުރި މައްސަލަތައް އަވަސްކުރުމަކީ އެމަނިކުފާނުގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ކޮންމެ ކަމެއްގައިވެސް އިޙްލާސްތެރިކަން އިސްކުރުމަށް ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެނަފައެވެ. އަދި އިޙްލާސްތެރިކަމަކީ ސިޔާސީ އަދި ދުނިޔެވީ ކަންކަމުގައިވެސް މުހިއްމު ސިފައެއްކަމަށާއި، ޤައުމުގައި ހިނގާ ކޮންމެ ކަމެއްގެ ތެރެއަށް ބޭރުގެ ނުފޫޒު ގެންނަންވެއްޖެނަމަ، އެ ވައްޓާލެވެނީ ޤައުމު ބޮޑު އަނދަވަޅެއްގެ ތެރެއަށްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.