ތަރައްްޤީ

އެއަރޕޯޓުގެ އައު ރަންވޭގެ 2 ވަނަ ތާރުފަށަލަ އެޅުމުގެ މަސައްކަތް ފަށައިފި


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ ފުރަތަމަ ތާރު ފަށަލައިގެ މަސައްކަތް ނިންމައި ދެވަނަ ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ 1 ބިލިއަން ޑޮލަރުގެ މަޝްރޫޢުގެ ދަށުން 3400 މީޓަރު ދިގު، 65 މީޓަރު ފުޅާ ރަންވޭ އެއް އެޅުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މި މަޝްރޫޢުގެ ދަށުން އެއަރޕޯޓް ރަންވޭއަށް ބޭނުންވާ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ނިންމައި އަންނަ އޮގަސްޓްމަހުގެ ނިޔަލަށް އައު ރަންވޭއަށް ޓެސްޓް ފްލައިޓް ޖެއްސުމަކީ އަމާޒެއްކަމަށް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ރާއްޖޭގެ އިޤްތިޞާދީ މައިދޮރާއްޓަށްވެފައި، އެއަރޕޯޓުން ފޯރުކޮށް ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަކީ ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއްދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ އަގުބޮޑު އެއް މަޝްރޫޢާއެކު މުޅި އެއަރޕޯޓު މިވަނީ އިންޤިލާބީ ބަދަލަކާ ދިމާއަށް މިސްރާބު ޖަހާފައެވެ. މި މަޝްރޫޢުގެ ތެރެއިން މިވަގުތު އެންމެ ބޮޑު އިސްކަމެއްދީގެން ކުރިއަށްދާ އެއް މަސައްކަތަކީ އައު ރަންވޭގެ މަސައްކަތެވެ. ދުނިޔޭގައި އޮޕަރޭޓްކުރާ އެންމެ ބޮޑެތި މަތިންދާބޯޓު ކަމުގައިވާ A380 މަރުކާގެ ބޯޓު ފަހަރަށްވެސް ފަސޭހަކަމާއެކު ޖެއްސޭނެހެން ފަރުމާކުރާ މި ރަންވޭއަކީ 3400 މީޓަރު ދިގު އަދި 65 މީޓަރު ފުޅާ ރަންވޭއެކެވެ.

އެއަރޕޯޓް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ދަށުން ގާތްގަނޑަކަށް 77 ހެކްޓަރުގެ ބިން ހިއްކާފައިވާއިރު، އާ ރަންވޭއަށް ބޭނުންވާ ސަރަހައްދުގެ ފަސްގަނޑު ލެވެލްކޮށް ނިންމައި ސަބް-ބޭސް އެޅުމުގެ މަސައްކަތް ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. ސަބް-ބޭހަކީ ބޮޑެތި ހައިވޭތަކާއި، ރަންވޭ ފަދަ ތަންތަނުގައި ތާރުއެޅުމުގެ ކުރިން، ވެއްޔާއި ހިލައާއި ހިލަވެލި ބޭނުންކޮށްގެން އަޅާ ކޮންކްރީޓް ބޯ ފަށަލަތަކެކެވެ.

ޢާއްމުގޮތެއްގައި ރަންވޭއެއްގެ ތާރު ފަށަލަ އެޅުމުގެ ކުރިން ސަބް-ބޭހުގެ 3 ފަށަލަ އަޅައެވެ. އެގޮތުން އައު ރަންވޭއަށް ބޭނުންވާ ކޮންކްރީޓް ހުރިހާ މަސައްކަތެއް ނިންމައި ތާރު ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ މާރިޗުމަހުގެ 14ވަނަ ދުވަހެވެ.

2 ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ ތާރު އެޅުމުގެ މަސައްކަތް ފަށާފައިވަނީ ރަންވޭގެ އުތުރު ފަރާތުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް 100 އާއި 140 މީޓަރާއި ދެމެދުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް ކުރިއަށްދާކަން އެމް.އޭ.ސީ.އެލުން ފާހަގަކުރެއެވެ.

އައު ރަންވޭގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބާ ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމް.އޭ.ސީ.އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢާދީލް މޫސާ ވިދާޅުވީ، އާ ރަންވޭއަށް ބޭނުންވާ ފުރަތަމަ ތާރު ފަށަލަ މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އަޅައި ނިމިފައިވާކަމަށެވެ. އަދި ދެވަނަ ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. ރަންވޭގައި މުޅި ޖުމްލަ 3 ތާރު ފަށަލަ އެޅުމަށް ހަމަޖެހިފައިވާއިރު، މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ޢާދިލް ވިދާޅުވިއެވެ. އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް އައު ރަންވޭއަށް ބޭނުންވާ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް ނިންމާ، އޯގަސްޓް މަހުގެ ތެރޭގައި ޓެސްޓް ފްލައިޓް ޖެއްސުމަކީ އަމާޒެއްކަމަށްވެސް އެމް.އޭ.ސީ.އެލުން ބުނެއެވެ.

ރަންވޭއަށް ބޭނުންވާ ދެވަނަ ތާރު ފަށަލަ އެޅުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު، ރަންވޭގައި ޤާއިމުކުރާ ފިއުލް ހައިޑްރަންޓްސް އިންސްޓޯލްކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފައެވެ. އަދި އެއަރޕޯޓުގައި މިހާރު ބޭނުންކުރަމުންދާ ރަންވޭއާއި އައު ރަންވޭ ގުޅާލުމަށް ބޭނުންވާ ޓެކްސީވޭތަކުގެ މަސައްކަތްވެސް ހުއްޓުމެއް ނެތި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ހަމައެހެންމެ އެއަރޕޯޓުގެ ޕާކިންގ ކެޕޭސިޓީ އިތުރުކުރުމަށްޓަކާ ކުރަމުންދާ މަސައްކަތުގެ ދަށުން، އީސްޓް އަދި ވެސްޓް އޭޕްރަން ބޮޑުކުރުމުގެ މަސައްކަތްވެސް ބާރު ދުވެލީގައި އަންނަނީ ކުރަމުންނެވެ.