ޚަބަރު

މުލަކުގައި ކުރިއަށްގެންދިޔަ 10ވަނަ ފިޝްކޭމްޕް ނިންމާލައިފި


މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެން މ.މުލަކުގައި ކުރިއަށްގެންދިޔަ 10ވަނަ ފިޝްކޭމްޕް ނިންމާލައިފިއެވެ. ފިޝަރީޒް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްގެންދާ މި ފިޝްކޭމްޕްގައި 4 ސްކޫލަކުން ދަރިވަރުންވަނީ ބައިވެރިވެފައެވެ.

ހަދުވަހުގެ މުއްދަތައް ކުރިއަށްގެންދިޔަ ފިޝް ކޭމްޕްގައި މެރިން ސައިންސްއާ ގުޅުންހުރި ތަފާތު ދާއިރާތަކުންވަނީ ދަރިވަރުންނަށް މަޢުލޫމާތުދީފައެވެ. އަދި އެކަންކަން ޢަމަލީގޮތުން ތަޖުރިބާކުރުމުގެ މަގު އެދަރިވަރުންނަށް ފަހިކޮށްދީފައިވެއެވެ. މިކޭމްޕްގެ ތެރެއިން، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ރާއްޖޭގައި ކުރާ އެކިއެކި މަސްވެރިކަމުގެ ބާވަތްތަކާއި، ޕްލާސްޓިކްގެ ސަބަބުން ކަނޑުގެ ދިރުންތަކަށްހުރި ނުރައްކާފަދަ ކަންކަމާ ގުޅޭގޮތުންވަނީ މަޢުލޫމާތުދީ އެކަންކަމައިގުޅޭ ޢަމަލީ ތަޖުރިބާ ކުރުމުގެ ފުރުސަތު ދީފައެވެ.

މިކޭމްޕް ނިންމުމުގެގޮތުން މުލަކު ސްކޫލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން މުލަކަތޮޅު ކައުންސިލްގެ ނާއިބު ރައީސް އަޙްމަދު ހަސަން ވިދާޅުވީ މިކޭމްޕްގައި މުލަކަތޮޅުގެ ސްކޫލްތަކުގެ ދަރިވަރުން ބައިވެރިކޮށް، މުލަކަތޮޅުގައި ކޭމްޕް ކުރިއަށްގެންދިއުމަށް ގިނަގުނަ މަސައްކަތްތައް ކޮށްފައިވާކަމަށެވެ. އޭނާ ވިދާޅުވީ ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ ޤައުމަކަށް ވެފައި، މިމަސައްކަތަކީ މިދާއިރާގައި ކިޔަވާ ދަރިވަރުނާއި ޒުވާނުން މިދާއިރާއަށް އިތުރުރަށް އަހުލުވެރިކޮށް ޝައުޤުވެރި ކުރުވުމަށް ކުރި މަސައްކަތެއްކަމަށެވެ.

މުލަކު ސްކޫލްގެ ޕްރިންސިޕަލް ޠާހާ މުޙައްމަދު ވިދާޅުވީ މިފަދަ ފުރުސަތަކީ މަދުން ނޫނީ ދަރިވަރުންނަށް ނުލިބޭ ފުރުސަތެއްކަމަށާ މި ކޭމްޕްގެ ޒަރިއްޔާއިން ދަރިވަރުންނަށް ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަ ކަމަށެވެ. އަދި މިއީ އިމްތިޙާނަށް ދަރިވަރުން ތައްޔާރުވުމަށް ލިބުނު މުހިންމު ފުރުސަތެއްކަން ފާހަގަކުރައްވައި މިކަމުގެ ސަބަބުން ނަތީޖާއަށް ހެޔޮ ބަދަލެއް އަންނާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިކޭމްޕްގައި އިސްކޮށްޙަރަކާތްތެރިވި ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ ރިސަރޗް އޮފިސަރ އަޙްމަދު ރާޝިދު ވިދާޅުވީ ރާއްޖޭގެ 99 އިންސައްތައަކީ ކަނޑުކަމަށްވާއިރު، މެރިން ސައިންސްގެ ދާއިރާއަށް އަޙުލުވެރިވުމަކީ ކޮންމެމީހަކަށްވެސް މުހިންމު ކަމެއްކަމަށެވެ. އަދި ރާއްޖޭގެ ސްކޫލްތަކުގައި މި މާއްދާ ކިޔަވައިދޭ މިންވަރު އިތުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޕްރީލް މަހުގެ 26ވަނަ ދުވަހު މ.މުލަކުގައި ފެށި 10ވަނަ ފިޝްކޭމްޕްގައި 35 ދަރިވަރުންވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި ހިމެނެނީ މުލަކު ސުކޫލާއި މަޑުއްވަރީ ސްކޫލާއި ޖަމާލުއްދީން ސްކޫލާއި ހިރިޔާ ސްކޫލެވެ.