ޚަބަރު

މަަސައްކަތްތެރިންގެ ދުވަސް ފާހަޤަކުރުމަށް ބައިކް މޯލްޑިވްސް އިން ބައިސްކަލް ބުރެއް


މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބައިކް މޯލްޑިވްސް އިން ކުޑަކުދިންނާއެކު ޚާއްސަ ބައިސްކަލް ބުރެއް ބާއްވައިފިއެވެ. މިއަދު ހެނދުނު މާލޭގެ ބޮޑެތި މަގުތަކުގައި ކުރިޔަށް ގެންދިޔަ މި ބައިސްކަލް ބުރުގައި 150 ކުދިން ބައިވެރިވެފައިވެއެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ހަސަން ބުނީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރުމަށް ބެއްވި ބައިސްކަލް ބުރުގައި ބައިކް މޯލްޑިވްސްގެ މެންބަރުންގެ އިތުރުން، އެކި އުމުރު ފުރާތަކުގެ މީހުންނާއި، ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިކަމަށެވެ. މިއަދުގެ ބައިސްކަލް ބުރުގައި މިމަހުގެ ހަތަރަކުން ފަހަކަށް ކުރިއަށްގެންދާ އިންޓަރ ސްކޫލް ބައިސްކަލް މުބާރާތަށް ފަރިތަކުރުންވެސް ހިމެނޭކަމަށް އަސްމާ ފާހަގަކުރިއެވެ.

މިއަދު ބޭއްވި ބައިސްކަލް ބުރަށްފަހު ވަނީ ބައިކްމޯލްޑިވްސްގެ މާހެފުންވެސް ކުރިއަށް ގެންގޮސްފައެވެ. އިންޑަސްޓްރިއަލް ވިލެޖް ސަރަހައްދުގައި ކުރިއަށްގެންދިޔަ މިހަރަކާތުގައިވެސް ބައިކް މޯލްޑިވްސްގެ މެންބަރުންނާއި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ. ރާއްޖޭގެ ތިމާވެއްޓާއި ޒުވާނުންގެ ދުޅަހެޔޮކަމާއި، ކުޅިވަރު ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރާ "ބައިކް މޯލްޑިވްސް"ގެ ފަރާތުން އަންނަނީ ބައިނަލް އަޤްވާމީ ފެންވަރުގަ އާއި ޤައުމީ ފެންވަރުގައި ފާހަގަކުރާ ތަފާތު ދުވަސްތަކާއި ގުޅިގެން މާލެއާއި ރާއްޖޭގެ އެކި ރަށްރަށުގައި ބައިސްކަލް ބުރުތައް ބާއްވަމުންނެވެ.