ޚަބަރު

އައްޑޫ ރައްޔިތުން ރިޔާސީ އިންތިޚާބަށް ހޭލުންތެރިކުރުމުގެ ސެޝަންތައް ނިމިއްޖެ


ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން ކުރިއަށް ގެންދާ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްގެ ދަށުން، އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ތަމްރީން ނިމިއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން އިލެކްޝަންސް ކޮމިޝަނުން އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ސެޝަންތަކުގައި 180 ވުރެ ގިނަ މީހުންނަށް އިންތިޚާބާއިބެހޭ މަޢުލޫމާތު ދީފައިވެއެވެ. މި ސެޝަންތައް އައްޑޫގެ ހިތަދޫއާއި ފޭދޫއާއި މަރަދޫއާއި މަރަދޫ ފޭދޫގެ އިތުރުން ހުޅުމީދޫގައި ކުރިއަށް ގެންދިޔައެވެ. އަދި ސެޝަންތައް ކުރިއަށް ގެންދިއުމުގައި އައްޑޫ ކައުންސިލާއި ފުލުހުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އިލެކްޝަންސް ކޮމިޝަންގެ މެމްބަރ އަޙްމަދު އަކްރަމް ވިދާޅުވީ އައްޑޫގައި އިލެކްޝަނުން ކުރިއަށްގެންދިޔަ ޕްރޮގްރާމްތަކުގެ ތެރެއިން މިފަހަރުގެ ޕްރޮގްރާމަކީ އެންމެ ކާމިޔާބު އެއް ޕްރޮގްރާމްކަމަށެވެ.

އައްޑޫ ރައްޔިތުން އިންތިޚާބަށް ހޭލުންތެރި ކުރުމަށް ކުރި ދަތުރުގަ، އިލެކްޝަންސް ކޮމިޝަނުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި އެސިޓީގެ ފުލުހުންނާއި ބައްދަލުކޮށް އަންނަ ރިޔާސީ އިންތިޚާބު އަމާންއޮމާން އަދި އިންސާފުވެރި އިންތިޚާބަކަށް ހެދުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ.

އަންނަ ރިޔާސީ އިންތިޚާބަށް މީހުން ހޭލުންތެރި ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިން އިލެކްޝަންސް ކޮމިޝަނުން އިންތިޚާބުތަކުގައި ޢަމަލުކުރާ ގޮތްތަކާއި ބެހޭގޮތުން މަޢުލޫމާތު ދީފައިވާއިރު މިޕްރޮގްރާމް އެހެން އަތޮޅުތަކުގައިވެސް އިލެކްޝަނުން ދަނީ ކުރިއަށްގެންދަމުންނެވެ.

ޤާނޫނު އަސާސީގެ 170ވަނަ މާއްދާގެ (ކ)ގެ ދަށުން އިންތިޚާބާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަކީ އިލެކްޝަންސް ކޮމިޝަނުން ކުރަންޖެހޭކަމެކެވެ. އެގޮތުން މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އިލެކްޝަންސް ކޮމިޝަނުން މިހާރުދަނީ ރާއްޖޭގެ އެކި ރަށްރަށުގައި ކުރިއަށްގެންދަމުންނެވެ. އެގޮތުން އައްޑޫގައި މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެވެ.