ދުނިޔެ

ބްރެޒިލްގެ މަޖިލިސް މެމްބަރުންގެ ނަމަށް "ލޫލާ"ގެ ނަން އިތުރުކުރަނީ


ބްރެޒިލްގެ ޤާނޫނު ހަދާ މަޖިލީހުގެ 60 އަށްވުރެ ގިނަ މެމްބަރުންގެ ނަމަށް، އެޤައުމުގެ ކުރީގެ ރައީސް ލޫލާގެ ނަން އިތުރުކުރުމަށް ހުށަހަޅައިފިއެވެ.
އިދިކޮޅު ވޯކާސް ޕާޓީގެ މެމްބަރުން ހުށަހަޅާފައިވަނީ މަޖިލީހުގައި މުހާތަބްކުރާއިރު، އަދި މަޖިލީހުގެ ރަސްމީ ލިޔެކިޔުންތަކުގައި މެމްބަރުންގެ ނަން ލިޔާއިރު، ލޫލާގެ ނަން އިތުރުކުރުމަށެވެ. މިއީ ކޮރަޕްޝަނުގެ ތުހުމަތުގައި 12 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވާ އެޤައުމުގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާގެ ދިފާޢުގައި ވޯކާސް ޕާޓީން ހިންގާ ކެމްޕެއިނެއްގެ ދަށުން ކުރާ ކަމެކެވެ. އެހެންކަމުން އެއްވެސް ފަރާތެއްގެ ނަން ރަސްމީކޮށް ބަދަލެއް ނުކުރާނެއެވެ.
ވޯކާސް ޕާޓީގެ ލީޑަރު، އަދި ޤާނޫނު ހަދާ މަޖިލީހުގެ މަތި ގޭގެ މެމްބަރެއްކަމަށްވާ ގްލެއިސީ ހޮފްމަން، ސެނެޓުގެ ރައީސަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، މީގެ ފަހުން މަޖިލީހުގައި އޭނާއާ މުހާތަބްކުރާއިރު، ގްލެއިސީ ލޫލާ ހޮފްމަންގެ ނަމުން މުހާތަބްކުރުމަށެވެ. މަޖިލީހުގައި ހިމެނޭ އެޕާޓީގެ ހުރިހާ މެމްބަރުން ވަނީ މިގޮތަށް ހުށަހަޅާފައެވެ.

ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެއާއި މަތި ގޭގައި ހިމެނޭ ވޯކާސް ޕާޓީގެ މެމްބަރުންގެ ނަމަށް ލޫލާ އިތުރުކުރުމަށް ހުށަހެޅިއިރު، މަޖިލީހުގައި ހިމެނޭ ކަނާތު ފިޔައިގެ މެމްބަރުން ވަނީ އެކަމަށް ރައްދު ދީފައެވެ. އެގޮތުން އެމެމްބަރުން ވަނީ ލޫލާއަށް ހުކުމް އިއްވި ފަނޑިޔާރުކަމަށްވާ، ޕައުލާ ޕިމެންޓާގެ ނަން އެމީހުންގެ ނަމަށް އިތުރުކުރުމަށް މަޖިލީހަށް ހުށަހަޅާފައެވެ.
ބްރެޒިލްގައި 2003 ވަނަ އަހަރުން 2011 ވަނަ އަހަރަށް ވެރިކަންކުރެއްވި ލޫލާ ޑަ ސިލްވާގެ މައްޗަށް ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވެ މިދިޔަ ޖުލައިމަހު 12 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެޙުކުމް ތަންފީޒުކުރަން ފަށާފައިވަނީ މިދިޔަ ހޮނިހިރުދުވަހުއެވެ.