ތަޢުލީމު

ޑރ.ޝަހީމް ސަޢުދީ އެޑިއުކޭޝަން މިނިސްޓަރާ ބައްދަލުކުރައްވައިފި


ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢުދީ އަރަބިއްޔާގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އަޙްމަދު ބިން މުޙައްމަދު އަލް ޢީސާގެ އަރިޙަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ޑރ. ޝަހީމް ސަޢުދީގެ އެޑިއުކޭޝަން މިނިސްޓަރާއި ބައްދަލުކުރައްވާފައިވަނީ އެ ޤައުމުގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްގެ ޚާއްސަ ދަޢުވަތަކަށް ސަޢުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. ޝަހީމް ވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފެދިގެންއައިގޮތާއި، އެ ޔުނިވަރސިޓީގެ މަޤްޞަދު އޮޅުންފިލުއްވައިދެއްވާފައެވެ. އަދި ދިވެހިރާއްޖޭގައި ޢަރަބި ތަޢުލީމު ފުޅާކޮށް، ޢަރަބި ބަސް ދަސްކޮށްދިނުމުގައި ސަޢުދީ އަރަބިއްޔާއިން އަދާކުރަމުންދާ މުހިއްމު ދަޢުރު ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޢަރަބި ބަސް ޕްރޮމޯޓްކުރުމަށްޓަކާ އައި.ޔޫ.އެމްއަށް ފަންނީގޮތުން ދެއްވާ އެހީތެރިކަމާއި، ވަކިން ޙާއްސަކޮށް ޢަރަބި ބަހާއި ގުޅުން ހުރި ތަފާތު ޕްރޮގްރާމްތަށް އިސްލާމީ ޔުނިވަރސިޓީގައި ހިންގެވުމަށްޓަކާ އެކަމަށް ޙާއްސަ ލެކްޗަރައިން ރާއްޖެ ފޮނުއްވައިދެއްވާކަމަށްޓަކާ ސަޢުދީ ސަރުކާރަށް ޑރ. ޝަހީމް ވަނީ ޙާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

ޑރ. ޝަހީމް ސަޢުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި އެޤައުމުގެ މުހިއްމު 5 ޔުނިވަރސިޓީއަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ވެރިންނާއި ބައްދަލުކުރައްވާ، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް އެކި ރޮނގު ރޮނގުން އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.