ޚަބަރު

ވިލުފުށީގައި ވިޔަފާރި ބޭނުމަށް ބިން ދޫކުރުމަށް ނިންމައިފި


ކޮޅުމަޑުލު ވިލުފުށީގައި ވިޔަފާރިއަށާއި، އެނޫސްވެސް ސިނާޢީ މަސައްކަތްތަކަށް ބިން ދޫކުރުމަށް ހައުސިންގ މިނިސްޓްރީން ނިންމައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މިމަހުގެ 26 ވަނަ ދުވަހު ވިލުފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެރަށު ރައްޔިތުންގެ ފަރާތުން ވަނީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ، ވިޔަފާރިއަށާއި، ބޯހިޔާވަހިކަމުގެ މައްސަލަކަމަށް ދަންނަވާފައެވެ. ޚާއްޞަކޮށް ވިޔަފާރިކުރުމަށް ހުރި ދަތިކަން ފާހަގަކޮށް ވިޔަފާރިކުރެވޭނެ ޖާގަ ގޭބީސީ ތަކުގައިވެސް ނެތްކަން ރައްޔިތުން ފާހަގަކުރިއެވެ. އެކަމާގުޅިގެން ރައްޔިތުންގެ ފަރާތުން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ވިލުފުށިން ބިން ދޫކުރުމުގެ ކަންކަން މީގެ ކުރިން ކުރިއަށް ގެނގޮސްފައިވަނީ އެންމެ އެދެވޭގޮތަށްނޫންކަމަށެވެ.

ނަމަވެސް މިސަރުކާރުން އެންމެ އިންސާފުވެރިގޮތަށް ގިނަ ފަރާތްތަކަށް ވިޔަފާރި އުސޫލުން ބިން ލިބޭނެގޮތެއް ހެއްދެވުމަށް ނިންމާފައިވާކަމަށާއި، ވީހާވެސް އަވަހަށް ވިޔަފާރިއާއި، އާމްދަނީ ހޯދުމަށް އެކިކަންކަމަށް ބިން ދޫކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

"ވިޔަފާރީގެ މައްސަލަ ޙައްލުކުރުމަށް އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ ބިންދޫކޮށް އެކަމުގެ މަގުތަނަވަސްކޮށްދޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ރައްޔިތުންނަށް މިފުރުޞަތުގައި ދެން."

މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ މައްސަލއަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިމާވެފައިވާ އިޖުތިމާޢީ ބޮޑު މައްސަލައެއްކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް މިއަހަރުގެ ބަޖެޓުގައި ޚާއްޞަ އިސްކަމެއް ދެއްވާފައިވާކަން ފާހަގަކުރައްވައި ހައުސިންގ މިނިސްޓަރ ވިދާޅުވީ، ވިލުފުށީގައި ހައުސިންގ ޔުނިޓްތަކެއް އެޅުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އަދި މިހާރު އެރަށުގައި އަޅަން ފެށި ހުއްޓިފައިވާ ގެތައްވެސް ނިންމުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އަދި މިއަހަރުގެ ތެރޭގައި އެ މައްސަލަ ހައްލުކޮށް އިތުރު ގެތަކެއް ވިލުފުށީގައި އެޅުމަށް ވަރަށް އަވަހަށް ފަށްޓަވާނެކަމަށާއި އެ މަސައަކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"ބޯހިޔާވަހިކަން ހައްލުކުރުމަށް ރައީސް ޔާމީން ވަނީ ބެޖެޓްގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދީފައި. އެންމެ ގިނަ މަޝްރޫޢުތައް ހައުސިންގ މިނިސްޓްރީގެ ބަޖެޓްގެ ތެރެއިން ހަމަޖައްސާދީފައިވަނީ މި މައްސަލަ ހައްލުކުރުމަށް. މި ރަށުގައި ފެށިފައިހުރި ބައެއް ގެތައްވެސް އެބަހުރި. އަދި އަލަށް އަޅަންފަށައި ގެތައްވެސް އެބަހުރި. ވީހާވެސް އަވަހަށް ފެށުމަށް މި މަސައްކަތްކުރަނީ. މިދާއިރާގެ އިއްޒަތްތެރި މެންބަރާއި ގުޅިގެން މިރަށުގެ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް އަޅަންޖެހޭ ހައުސިންގ ޔުނިޓްގެ މަސައްކަތް ވީހާވެސް އަވަހަށްފެށުމުގެ މަރުހަލާ ކުރިއަށްދަނީ."

މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ.

ކޮޅުމަޑުލު ވިލުފުށްޓަކީ، 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި އެންމެ ބޮޑު ގެއްލުން ލިބުނު އެއްރަށަށެވެ. ސުނާމީއަށް ފަހު ވިލުފުށި އާރާސްތުކޮށްފަނީ "ސޭފް އައިލެންޑް ކޮންސެޕްޓް" ގެ ދަށުން ބިން ހިއްކައި، ވަށައިގެން ރިވެޓްމަންޓްޖަހައި، ފަސްގަނޑު އުސްކޮށް އެންމެ ޒަމާނީ ވަސީލްތަތަކާއެކުއެވެ.