ޚަބަރު

މިޔަންމާގައި ހިންގި ޖަރީމާގެ އަސަރުތައް ދެނެގަތުމަށް ސަލާމަތީ މަޖިލީހުގެ މަންދޫބުން ބަންގްލަދޭޝަށް


މިޔަންމާގެ އަސްކަރިއްޔާއިން މިދިޔަ އަހަރު އެ ޤައުމުގެ ބައިމަދު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުން ކުރި އަސަރުތައް ގާތުން ބެލުމަށްޓަކައި، އދގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން މިޔަންމާއާ ބަންގްލަދޭޝަށް ދަތުރުކުރައްވައިފިއެވެ.

ހަތަރު ދުވަހަށް ކުރިއަށްދާ މިދަތުރުގައި އދގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އާއި މިޔަންމާގެ ލީޑަރު އައުން ސާން ސޫޗީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން މި ޒިޔާރަތުގައި މިޔަންމާގެ ރަކާން ސްޓޭޓަށްވެސް އދގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން ވަޑައިގެންނަވާނެކަމަށްވެސް ބެލެވެއެވެ.

މީގެ އިތުރުން، މިޔަންމާގެ ރެފިއުޖީން މިހާރު ދިރިއުޅޭ ސަރަހައްދުތައް ބެލުމަށް ބަންގްލަދޭޝްގައި ހުރި ވަގުތީ ހިޔާތަކަށްވެސް އދގެ ސަލާމަތީ މަޖިލީހުގެ މަންދޫބުން ޒިޔާރަތް ކުރައްވާނެކަމަށް ބެލެވެއެވެ. މިދިޔަ އަހަރުގެ އޯގަސްޓް މަހު، ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާތަކުގެ ސަބަބުން 700،000 މީހުން އަވަށްޓެރި ބަންގްލަދޭޝަށް ހިޖުރަކޮށްފައިވެއެވެ.

ރެފިއުޖީން އަނބުރާ ޤައުމަށް ގެންދިއުމާ ބެހޭ އެއްބަސްވުމެއްގައި ބަންގްލަދޭޝް އާއި މިޔަންމާއިން ސޮއިކުރީ މިއަހަރުގެ ކުރީކޮޅުގައެވެ. އެހެންނަމަވެސް އަދި މި އެއްބަސްވުމަށް ޢަމަލުކުރަން ފަށާފައެއް ނުވެއެވެ. އދން ދާދި ފަހުން ބުނެފައިވަނީ، މިޔަންމާގެ ރެފިއުޖީން އަނބުރާ ޤައުމަށް ގެންދަން މިޔަންމާ އަދި ތައްޔާރުނުވާކަމަށެވެ.