ޚަބަރު

އިންޑިޔާގެ ބޮޑުވަޒީރު މޯދީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރައްވައިފި


އިންޑިޔާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީ ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ ރައީސް ޝީޖިންޕިން އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި ކުރެއްވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ އިންޑިޔާ އާއި ޗައިނާގެ ސަރަހައްދީ ރޮނގުގައި މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ސަރަހައްދުތަކުގައި ސުލްޙަ ޤާއިމުކުރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެ ވަޑައިގެންފައެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކާލް ވިދާޅުވީ، ޗައިނާގެ ވޫހާންގައި މޯދީ އާއި ޝީ ޖިންޕިން ކުރެއްވި މަޝްވަރާތަކުގައި ސަރަހައްދީ ރޮނގުގެ އަރާރުންތައް ޙައްލުކުރަން އިސްކަން ދެއްވިކަމަށެވެ. އިންޑިޔާ އާއި ޗައިނާއާ ދެމެދު ސަރަހައްދީ ރޮނގުގެ މައްސަލަ އުފެދިފައިވަނީ ހިމާލަޔާ ފަރުބަދަ ސަރަހައްދުގައެވެ.

މި ގޮތުން މިލްކުވެރިކަމުގެ އަރާރުން އުފެދިފައިވާ ސަރަހައްދެއްގައިވާ މަގެއް ތަރައްޤީކުރުމަށް ޗައިނާއިން މަސައްކަތް ކުރަން ފެށުމުން، އެ ކަން ހުއްޓުވުމަށްކަމަށް ބުނެ މިދިޔަ އަހަރު އިންޑިޔާ ސިފައިން އެ ސަރަހައްދަށް ވަނުމުން ދެ ޤައުމުގެ ސަރަހައްދީ ރޮނގު ބަލަހައްޓާ ގާޑުންގެ މެދުގައިވަނީ ތަޅާފޮޅުމެއް ހިނގާފައެވެ. ނަމަވެސް މިދިޔަ އޯގަސްޓްމަހުގެ ތެރޭގައި ދެ ޤައުމުން ވަނީ، ވާހަކަދައްކައިގެން އެ މައްސަލަ ހައްލުކޮށްފައެވެ.

މޯދީ ޗައިނާއަށް ކުރައްވާ ނުރަސްމީ ދަތުރުފުޅުގައި އިންޑިޔާގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ޗައިނާއިން ހޯދުމަށް މަސައްކަތްކުރައްވާނެކަމަށް ރިޕޯޓްތައް ބުނެއެވެ.