ޚަބަރު

މެލޭޝިޔާގެ ޢާއްމު އިންތިޚާބަށް ކެންޑިޑޭޓުން ކެމްޕޭން ފަށައިފި


މެލޭޝިޔާގެ ޢާއްމު އިންތިޚާބުގެ ކެމްޕޭން ފަށައިފިއެވެ. ކެމްޕޭން ފަށާފައިމިވަނީ ބޮޑުވަޒީރު ނަޖީބު ޢަބްދުއްރައްޒާޤު، އޭނާގެ ޕާޓީ ކަމަށްވާ "އަމްނޯ" އާއި އެ ޕާޓީއާ ގުޅިފައިވާ އިއްތިހާދުގެ ތެރެއިން އާންމު އިންތިޚާބަށް ނިކުމެ ވަޑައިގަތުމަށް އޭނާގެ ކެންޑިޑެންސީ ރަޖިސްޓްރީ ކުރައްވުމާ ގުޅިގެންނެވެ. މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދުވެސް ވަނީ އިދިކޮޅު ލީޑަރެއްގެ ގޮތުގައި އިންތިޚާބަށް ނިކުމެވަޑައިގަތުމަށްޓަކައި އެ ޤައުމުގެ ހުޅަނގު އުތުރުގެ ލަންކާވީ ސަރަހައްދުގެ ލޯކަލް ގަވަންމަންޓް އޮފީހުގައި އޭނާގެ ކެންޑިޑެންސީ ރަޖިސްޓްރީކުރައްވާފައެވެ.

އަންނަ މޭމަހުގެ ނުވަނަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މެލޭޝިޔާގެ އާންމު އިންތިޚާބު ކާމިޔާބުކުރުމަށް ބޮޑުވަޒީރު މުހައްމަދު ނަޖީބު އަބްދުއްރައްޒާގަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. މީގެ ތެރޭގައި އިދިކޮޅު ފަރާތްތަކުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާއި އޭނާގެ ޕާޓީކަމަށްވާ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޯގަނައިޒޭޝަން" އަމްނޯ"ގެ ބާނީ އަދި ކުރީގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން ނަޖީބަށް ގޮންޖެއްސަވަމުން ގެންދެވުން ހިމެނެއެވެ.

މި ގޮންޖެހުންތަކަކާއެކުވެސް މެލޭޝިޔާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމުގެ ފުރުޞަތު ބޮޑީ ނަޖީބުގެ "އަމްނޯ" ޕާޓީ އާއި އެ ޕާޓީއާ ގުޅިފައިވާ ތޭރ ަޕާޓީގެ ކޯލިޝަނަށެވެ. ގޮންޖެހުންތަކާއެކުވެސް ނަޖީބް ރައްޒާޤަށް ފުރުޞަތު ބޮޑުވެފައިވަނީ އިދިކޮޅު ޕާޓީތައް ބައިބައިވެފައިވުމާއި، އިދިކޮޅު ލީޑަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ނެތުމާއެކު، މެލޭޝިޔާގެ މުއައްސަސާތަކުގައި ސަރުކާރުގެ ބާރާއި ނުފޫޒު ގަދަވެފައިވުމުގެ ސަބަބުންނެވެ.

އަނެއްކޮޅު ކުރިން ބާވީސް އަހަރު ވަންދެން ބޮޑުވަޒީރުކަން ކުރެއްވި މަހާތީރު އަލުން ބޮޑުވަޒީރުކަމަށް ގެނައުމަކީ ގިނަ ބަޔަކު އެދޭގޮތެއްނޫނެވެ. އުމުރުފުޅުން ނުވަދިހަ ދެ އަހަރުގެ މަހާތީރަކީ މެލޭޝިޔާގެ ޒަމާނީ ތަރައްޤީގެ ބާނީ ކަމުގައިވިޔަސް، އޭނާ އަލުން އެނބުރި ޤައުމުގެ ވެރިކަމަށް ވަޑައިގަތުމަކީ ގިނަ ބަޔަކު އެދޭގޮތެއްނޫނެވެ.އިދިކޮޅުގެ އެއްބަޔަކު މަހާތީރު އަލުން ބޮޑުވަޒީރު ކަމަށް ގެންނަން ބޭނުންވާއިރު އަނެއް ބަޔަކު ބޭނުންވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރަމުން ގެންދަވާ މެލޭޝިޔާގެ ކުރީގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ބޮޑުވަޒީރުގެ ނާއިބު އަންވަރު އިބްރާހީމްގެ އަނބިކަނބަލުން އަޒީޒާ އިސްމާއީލް ބޮޑުވަޒީރުކަމަށް ގެނައުމަށެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީސް އުވާލެއްވީ މި އެޕްރީލް މަހުގެ އަށްވަނަ ދުވަހު. މަޖިލީސް އުވާލެއްވީ މުއްދަތު ހަމަވުމުގެ ދެ މަސް ދުވަސް ކުރިންނެވެ.