ޚަބަރު

ޓެރަރިޒަމްގެ ދަޢުވާއަށް ވަކީލަކު ހަމަޖައްސަން މައުމޫނަށް ދެ ދުވަސް


ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރަރިޒަމްގެ ދަޢުވާގެ މައްސަލާގައި ވަކީލަކު އައްޔަންކުރުމަށް ދެ ދުވަސް ކުރިމިނަލްކޯޓުން ދީފިއެވެ.

މި މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުލަތުން ވަނީ މައުމޫނާ ދެކޮޅަށް އުފުލާފައިވާ ދަޢުވާ އިއްވާފައެވެ. ދައުލަތުގެ ދަޢުވާގައި ބުނެފައިވަނީ 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނަށް ރިޝަވަތުދީގެން ވަކިގޮތަކަށް ހުކުމްތައް ނެރުއްވުމަށް މައުމޫނު މަސައްކަތްކުރައްވާފައިވާކަމަށެވެ. މީގެއިތުރުން މިދިޔަ ފެބްރުއަރީމަހުގެ އެއްވަނަދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރު ނެރުމަށްވެސް ފަނޑިޔާރުންނަށް ރިޝްވަތުދެއްވާފައިވާކަމަށްވެސް ދައުލަތުގެ ދަޢުވާގައިވެއެވެ.

އަދި ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރަށްފަހު އޭރުގެ ފުލުހުންގެ ކޮމިޝަަރ އަޙްމަދު އަރީފު މެދުވެރިކުރައްވައި ބައެެއް ފުލުހުން މަގުމައްޗަށް ނެރެގެން ފުލުހުންނާއި ކުރިމަތިލާ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކޮށްފައިވާކަމަށްވެސް ދައުލަތުން މައުމޫނާ ދެކޮޅަށް އުފުލާފައިވާ ދައުވާގައިވެއެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ދަނގެތީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަހުމަދާއި މައްޗަށްގޮޅު ދެކުނު ދާއިރާގެ ކުރީގެ މެންބަރު ޢަބްދުﷲ ސިނާނަށް ރިޝްވަރު ދީފައިވާކަމަށްވެސް އެ ދައުވާގައިވެއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތެއް ދިނުމަށް މައުމޫން އެދިވަޑައިގަތެވެ. އެހެންނަމަވެސް މައްސަލަ ބައްލަވާ ޤާޒީ ނިންމެވޭ ދެ ދުވަހުގެ މުއްދަތެއް ދިނުމަށެވެ. ޤާޒީ ވިދާޅުވީ މި މައްސަލާގައި ރަސްމީކޮށް ވަކީލުން ހަމަޖައްސާފައި ނުވިނަމަވެސް އެ މައްސަލައާއި ގުޅިގެން ވަކީލުން ކޯޓަށް ސިޓީ ފޮނުވާކަމަށާއި މައުމޫނާއި ވަކީލުން ބައްދަލުކުރައްވަމުން ގެންދަވާކަމަށެވެ. އެހެންކަމުން ވަކީލުން ހަމަޖހެިފައިނުވާކަން ބެލެވެން ނެތްކަމަށާ ކޯޓުން ދިން ދެ ދުވަހުގެ މުއްދަތަކީ އިދާރީކަންކަން ނިންމަން ދިން ދެ ދުވަސްކަމަށްވެސް މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވިއެވެ.

މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން މައުމޫން ވަނީ ގޭ ބަންދަށް ބަދަލުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ. ސަބަބެއްކަމަށް މައުމޫން ވިދާޅުވީ ބަންދުގައި ހުންނަވާތާ 83 ދުވަސްވެފއިވާކަމަށާއި އުމުރާއި ސިއްޙީ ހާލަތު ހުރިގޮތުން ބަންދުގައި އެކަނި އޮންނެވުމުން ނުރައްކަލަކާ ކުރިމަތިވެދާނެކަމަށް ޤަބޫލުފުޅު ކުރެއްވޭތީކަމަށެވެ.

މައުމޫންގެ މި ވާހަކަތަކަށް ޖަވާބުދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށެވެ. މައުމޫން ބަންދުގައި ބަހައްޓަފައި ހުންނަނީ އެމަނިކުފާނުގެ ސިއްޙީ ހާލުކޮޅަށް ރިއާޔަތްކޮށް ޚާއްސަ އުސޫލްތަކަކާއި އެކުކަމަށްވެސް ޤާޒީ ވިދާޅުވިއެވެ. އެ ގޮތުން ކެއުމުގެ ކަންތައްތަކާއި ގޮޅިން ބޭރަށް ނުކުތުމުގެ ކަންކަން ހަމަޖައްސަވާފައިވާކަންވެސް ޤާޒީ ފާހަގަކުރެއްވިއެވެ. އަދި މައުމޫންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާއެއްކަމުން އެ ފަދަ މައްސަލަތަކުގައި ދައުވާ ލިބޭ މީހުން ދުކޮށްލައިފިނަމަ މުޖްތަމައަށް ނުރައްކާވުމުގެ ފުރުސަތު އޮވެދާނެކަމަށާއި މައުމޫން ބަންދުން ދޫކޮށްލައިފިނަމަ ހެއްކަށް ނޫފޫޒު ފޯރުވުމުގެ ފުރުސަތު އޮތްކަމަށްވެސް މައްސަލަ ބައްލަވާ ޤާޒީ ވިދާޅުވިއެވެ.

ދައުލަތުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ކުށް ސާބިތުވެއްޖެނަމަ 17 އަހަރަށްވުރެ ދިގު މުއްދަތުގެ ޖަލު ހުކުމެއް އަންނާނެއެވެ.