ޚަބަރު

އަންހެނުން ބާރުވެރިކުރުވުމުގެ މަސައްކަތުގައި ކައުންޓަރ ޓެރަރިޒަމް ސެންޓަރުން ބައިވެރިވެއްޖެ


އަންހެނުން ބާރުވެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ނޭޝެނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި، ވިމެން އޮންޓްރަޕްނޯރ އެސޯސިއޭޝަނާއެކު ސޮއިކޮށްފިއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ދިވެހި އަސްކަރިއްޔާގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، ވިމެން އޮންޓްރަޕްނޯރ އެސޯސިއޭޝަނާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ދެމެދު ވެވުނު މި އެއްބަސްވުމުގެ ދަށުން، އަންހެނުން ބާރުވެރިކުރުވުމަށް ދެފަރާތް ގުޅިގެން ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އަންހެނުން ބާރުވެރިކުރުވުމާ ގުޅޭ ޕްރޮގްރާމްތައް ހިންގުމުގައި ދެފަރާތުން އެހީތެރިވުމަށް ހަމަޖެހިފައިވެއެވެ.

މި އެއްބަސްވުމުގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ، އެސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު، އަދި ވިމެން އޮންޓްރަޕްނޯރ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ޗެއަރޕާރސަން ޝާއިރާ ސަލީމެވެ.

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރަކީ ރާއްޖޭގައި ޓެރަރިޒަމާއި ހައްދުފަހަނަދިއުން ނައްތާލުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސެންޓަރެކެވެ. ވިމެން އޮންޓްރަޕްނޯރ އެސޯސިއޭޝަނަކީ އަންހެނުން ބާރުވެރިކުރުވުމަށް މަސައްކަތްކުރާ އަމިއްލަ ޖަމްޢިއްޔާއެކެވެ.