ޚަބަރު

މީޑިއާގެ އެކި ވަސީލަތްތަކަށް ފުލުހުން އަހުލުވެރިކުރުވުމުގެ ޙާއްސަ ޕްރޮގްރާމެއް އެމް.އެމް.އައިއިން ފަށައިފި


މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތް ކުރާ މުވައްޒަފުން މީޑިއާގެ އެކި ވަސީލަތްތަކަށް އަޙުލުވެރިކުރުވުމުގެ ޙާއްސަ ތަމްރީން ޕްރޮގްރާމެއް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމް.އެމް.އައި އިން ފަށައިފިއެވެ. 10 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ޕޮލިސް މީޑިއާ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ފަންނީ މުވައްޒަފުން ހިމެނޭހެން 12 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމާއި ގުޅޭގޮތުން ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މީޑިއާ ސެންޓަރުގެ އެކްޓިންގ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ބުޝްރީ ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ އެންމެ މުހިއްމު ބޭނުމަކީ ފުލުހުންގެ މީޑިއާ ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ އެންމެފަހުގެ މުވާސަލާތީ ވަސީލަތްތަކަށް ހާއްސަކޮށް މީޑިއާގެ ވަސީލަތްތައް ބޭނުންކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުންކަމަށެވެ.

"މިއީ ފުލުހުންނަކީ އެންމެފަހުގެ މުވާޞަލާތީ ވަޞީލަތްތަކަށް ވަކިން ޚާއްޞަކޮށް މީޑިއާގެ އެކިވަޞީލަތްތައް އެންމެ ފުރިހަމައަށް ބޭނުންކުރަން ދަންނަ، އެކަމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއް. 10 ދުވަހުގެ މި ޕްރޮގްރާމް ނިމިގެންދާއިރު، މި ޕްރޮގްރާމްގެ ބައިވެރިންނަކީ މިހާރުގެ އެންމެ ރަނގަޅު ވަސީލަތްތައް ބޭނުންކޮށްގެން މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވޭނެ ބަޔަކަށް ވެގެންދާނެކަމަށް އަޅުގަނޑުމެން ޔަޤީންކުރަން. މި ފުރުޞަތުގައި ޕީ.އެސް.އެމުން މިކަން އިންތިޒާމްކޮށްދެއްވިކަމަށްޓަކާ ޕީ.އެސް.އެމްގެ މެނޭޖްމަންޓަށް ފުލުހުންގެ މުވައްސަސާގެ ނަމުގައި ޚާއްސަ ޝުކުރެއް ދަންނަވަން ބޭނުން"

އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ބުޝްރީ ވިދާޅުވިއެވެ.

އެމް.އެމް.އައިގެ ޕްރޮގްރާމް ކޯޑިނޭޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ފުލުހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ނޫސްވެރިކަމާއި، ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީއާއި ގުޅޭ އެންމެ އަސާސީ މަޢުލޫމާތުތައް ހިއްސާކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ހަމައެހެންމެ މީޑިއާތަކަށް މަޢުލޫމާތުދޭއިރު ވިސްނަންޖެހޭނެ ކަންތައްތަކާއި މުއާސަލާތުކުރުމަށް ބޭނުންކުރާނެ ތަފާތު ކޮމިއުނިކޭޝަން ސްކިލްސްތައް ބައިވެރިންނަށް ދަސްކޮށްދެވިގެންދާނެކަމަށެވެ.

"މިއީ ޕޮލިސް މީޑިއާގައި މަސައްކަތްކުރާ ބޭފުޅުންނަށް މީޑިއާއަށް ބޭނުންވާ އެސެންޝިއަލް ސްކިލްސް، މިސާލަކަށް ޖަރނަލިޒަމްގެ ބޭސިކް، އޭގެއިތުރަށް ފޮޓޯގްރަފީ، ކެމެރާ ސްކިލްސް، އެޑިޓިންގ ދަސްކޮށްދޭނެ. ހަމައެހެންމެ މީޑިއާއި ކޮމިއުނިކޭޓް ކުރާއިރު ކިހިނެއްތޯ ކުރާނީ، ވިސްނަންޖެހޭ އެންމެ އަސާސީ ކަންތައްތަކަކީ ކޮބައިކަން، ފަރުވާ ބަހައްޓަންޖެހޭނެ ކަންކަމަކީ ކޮބައިކަން އަންގައިދޭނެ"

މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

10 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ސެޝަންތައް ނަގައިދެނީ މީޑިއާގެ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރު ބޭފުޅުންނެވެ.