ޚަބަރު

ފިޝްކޭމްޕް ދަރިވަރުންނަށް އާ ތަޖުރިބާތަކެއް


މިއަހަރުގެ ފިޝްކޭމްޕްގައި ދަނީ ރާއްޖޭގެ ކުރާ އެކި ބާވަތުގެ މަސްވެރިކަމާގުޅޭ މަޢުލޫމާތުދީ، އެކަންކަމުގެ ޢަމަލީ ތަޖުރިބާ ލިބޭނެ ގޮތް ދަރިވަރުންނަށް ފަހިކޮށްދެމުންނެވެ. އެގޮތުން ދަރިވަރުންވަނީ ރާއްޖެއަށް މިހާރު އަލަށް ތަޢާރަފްވާ މަސްވެރިކަމުގެ ބާވަތެއް ތަޖުރިބާކޮށްފައެވެ.

ރާއްޖޭގައި އަލަށް ތައާރަފްކުރާ ބޯވާދިލަމަހުގެ މަސްވެރިކަމުގެ ބާވަތެއްކަމަށްވާ، "ޑައިމަންޑް ބެކް ސްކުއިޑް" މަސްވެރިކަން ކުރާނެ ގޮތް މިއަހަރުގެ ފިޝް ކޭމްޕްގެ ދަރިވަރުންނަށްވަނީ ކިޔައިދީފައެވެ. މި ބާވަތުގެ މަސްވެރިކަމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ފުޅާ ދާއިރާއެއްގައި ކުރަމުންއަންނަ، ބޮޑު މަންފާއެއް ހޯދަމުން އަންނަ ބާވަތެއްގެ މަސްވެރިކަމެކެވެ.

މި ސެޝަންގައިވަނީ އެކަން ކުރާނެގޮތް ކިޔައިދީ، ކަނޑަށް ނުކުމެ ޢަމަލީ ގޮތުން "ޑައިމަންޑް ބެ ސްކުއިޑް" މަސް ބާނާނެގޮތުގެ މަޢުލޫމާތު ކޭމްޕްގެ ދަރިވަރުންނަށް ދީފައެވެ. މި ބާވަތުގެ މަސްވެރިކަމެއްގައި ބޭނުންކުރާ އާލާތްތައް ބޭނުންކުރާނެ ގޮތާއި، އެކަމަށް ބޭނުންވާ ނަނު ތައްޔާރުކުރާނެ ގޮތްވެސްވަނީ ދަރިވަރުންނަށް ކިޔައިދީފައެވެ. މީގެ އިތުރުން މޫދަށް ނަނު ދޫކުރުމުގައި ގެންގުޅޭ އުކުޅުތަކާއި، ނަނުގައި މަސްގަނެފައިވާކަން ދެނެގަންނާނެ ގޮތްތައް ވަނީ ކިޔައިދީފައެވެ.

ފިޝަރީޒް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރ އަބްދުﷲ ޖައުފަރް ވިދާޅުވީ ޖަޕާނާ ގުޅިގެން ރާއްޖޭގެ ކަނޑުގައި ދިރުންހުރި ބާވަތްތަކާގުޅޭ ތަޙްލީލެއް މިހާރު ކޮށްފައިވާކަމަށެވެ. އަދި އެކަމުގެ ތެރެއިން "ޑައިމަންޑް ބެކް ސްކުއިޑް"އަށް ޓަރގެޓްކޮށްގެން ދިރާސާތަކެއް ކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. މި ބާވަތުގެ މަސްވެރިކަމަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައިކޮށް މަންފާ ހޯދިދާނެ މަސްވެރިކަމުގެ ބާވަތެއްކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން ދަރިވަރުންނަށްވަނީ ރޯ މަސް ބޭނުންކޮށްގެން އުފެއްދިދާނެ އެކިއެކި ބާވަތްތަކުގެ ކާނާއާގުޅޭ މަޢުލޫމާތު ދިނުމުގެ ސެޝަނެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގެ ތެރެއިން ދަރިވަރުންވަނީ ރޯމަސް ބޭނުންކޮށްގެން އެކި ވައްތަރުގެ ކާނާ ތައްޔާރުކޮށްފައެވެ.

ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ބުނެފައިވަނީ ކޭމްޕްގެތެރެއިން ދަރިވަރުންނަށް މިފަދަ ސެޝަނެއް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖެއަކީ ފުޅާ ދާއިރާއެއްގައި މަސްބާނަމުން އަންނަ ޤައުމަކަށްވެފައި، އެކަމުން އިތުރު ގޮތްގޮތުން މަންފާ ހޯދިދާނެ ގޮތްތައް ކިޔައިދިނުމަށްކަމަށެވެ. އެގޮތުން މަހުގެ އާ ޕްރޮޑަކްޓްތައް އުފެދި، މަހުގެ ޑިމާންޑް ބޮޑުވެގެން ދާނެކަމަށްވެސް ފިޗަރީޒް މިނިސްޓްރީން ބުނެއެވެ.

މިއަހަރުގެ ފިޝް ކޭމްޕް ފަށާފައިވަނީ މުލަކަތޮޅު މުލަކުގައެވެ.