ޚަބަރު

އެމްއެންޔޫ ބިޒްނަސް ސްކޫލްގެ ޑީންގެ މަޤާމަށް ޢަބްދުއްރަޙްމާން މުބާރިކް


ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ޑީންގެ މަޤާމަށް ޢަބްދުއްރަޙްމާން މުބާރިކް ހަމަޖައްސައިފިއެވެ.

އޭނާއަށް މަޤާމުގެ ލިޔުން ހަވާލުކުރީ މިއަދު އެމްއެންޔޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ފަވާޒް ޝަރީފް ވިދާޅުވީ ޢަބްދުއްރަޙްމާން މުބާރިކް މަޤާމާއި ހަވާލުވުމާއިއެކު ޓެކްނޮލޮޖީއާއި އާ އީޖާދުތައް ބޭނުންކުރާ މިންވަރު އިތުރުވެގެން ދާނެކަމަށް އުއްމީދުކުރެވޭ ކަމަށެވެ. އަދި ކުރިއަށް އޮތް 4 އަހަރު ޤައުމީ ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެކަމަށް ޑރ. ފަވާޒު ވިދާޅުވިއެވެ.

ޔުނިވަރސިޓީގެ ބިޒްނަސް ސްކޫލްގެ ޑީންގެ މަޤާމާއި ހަވާލުވުމަށްފަހު ވާހަކަ ދައްކަވަމުން ޢަބްދުއްރަޙްމާން މުބާރިކް ވިދާޅުވީ އެމްއެންޔޫއަކީ އަމިއްލަ ގިނަ ތަޢުލީމީ މުއައްސަސާތަކާއި ވާދަކުރަންޖެހޭ ތަނެއްކަމަށެވެ. އެމްއެންޔޫ ބިޒްނަސް ސްކޫލް ކުރިއެރުވުމަށް ދިރާސާކުރުމާއި މާރކެޓު ކުރުމުގެ އިތުރުން ގިނަ ކަންކަން ކުރާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

ޢަބްދުލްރަޙްމާން މުބާރިކަކީ 2003 ވަނަ އަހަރުން ފެށިގެން އެމްއެންޔޫގައި މަސައްކަތް ކުރަމުންދާ ބޭފުޅެކެވެ. މިގޮތުން މުބާރަކު ވަނީ ޔުނިވަރސިޓީގެ ކައުންސިލް މެންބަރެއްގެ ގޮތުގައާއި ބިޒްނަސް ސްކޫލްގެ މާރކެޓިންގ ޑިޕާރޓްމަންޓްގެ އިސްވެރިޔާގެ މަޤާމުގާމާއި ބިޒްނަސް ސްކޫލްގެ އެކްޓިންގ ޑީންގެ މަޤާމް ފުރުއްވާފައެވެ.