ޚަބަރު

ސަޢޫދީ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް އައިޔޫއެމްގެ ޗާންސެލަރ ޑރ.ޝަހީމް ސަޢޫދީއަށް


ސަޢޫދީއަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ދެއްވި ޚާއްސަ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢޫދީ އަރަބިއްޔާއަށް ވަޑައިގެންފިއެވެ.

ޑރ. ޝަހީމްގެ މިދަތުރުގައި ސަޢޫދީ އަރަބިއްޔާގެ މުހިއްމު 5 ޔުނިވަރސިޓީއަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ ވެރިންނާއި ބައްދަލުކުރައްވާ، ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އެކި ރޮނގު ރޮނގުން އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ބައްދަލުކުރާ ބޮޑެތި ޔުނިވަރސިޓީތަކުގެ ތެރޭގައި، ޖިއްދާގައި ހުންނަ ކިންގ ޢަބްދުލްއަޒީޒް ޔުނިވަރސިޓީއާ، ރިޔާޛްގައި ހުންނަ ކިންގ ސަޢުދު ޔުނިވަރސިޓީއާ، މަދީނާގެ އިސްލާމިކް ޔުނިވަރސިޓީއާ، އިމާމް މުޙައްމަދު އިބްނު ސަޢުދު އިސްލާމިކް ޔުނިވަރސިޓީ ހިމެނެއެވެ.

މީގެ އިތުރުން ސަޢޫދީގެ އިސްލާމީ އަދި ތަޢުލީމާއި ބެހޭ ވުޒާރާތަކާއި ވެސް ބައްދަލުކުރައްވާނެއެވެ. އަދި ސަޢޫދީގެ ގްރޭންޑް މުފްތީއާވެސް ޑރ.ޝަހީމް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ޔުނިވަރސިޓީން ބުނެއެވެ.