ޚަބަރު

ބައިނަލްއަޤްވާމީ އެތްލީޓުން ތަމްރީން ހަދަންވެސް ހުޅުމާލޭ ޓްރެކް "ފައްކާ"!


ބައިނަލްއަޤްވާމީ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ރާއްޖޭގައި ނެތިގެން ޝަކުވާކުރާ އެތްލީޓުންގެ ވާހަކަ އަހަރުތަކެއް ކުރިން އަހަރުމެން އަޑުއަހަމެވެ. ބައިނަލްއަޤްވާމީ މުބާރާތްތަކުން ވަނަ ނުލިބޭތީ އެކަމާއި ބަހަނާއި ދައްކައި ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް އެ އަމާޒަށް ވާސިލްވެވޭނެތޯ ސުވާލު އުފައްދާތަންވެސް މީގެ އަހަރުތަކެއް ކުރިން ދެކުނީމެވެ.

އެހެންނަމަވެސް ފާއިތުވެދިޔަ ހަތަރު ވަރަކަށް އަހަރަށް ބަލާއިރު އެ މަންޒަރު ބަދަލުވެ، އެތްލީޓުންގެ ބަސްމަގުވެސް ބަދަލުވެއްޖެއެވެ. ސަބަބުތަކެއް ނެތިއެއް ނޫނެވެ. ބައިނަލްއަޤުވާމީ ފެންވަރުގެ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރެވެން ފެށުމުންނެވެ. ގިނަ ބައިނަލްއަޤްވާމީ މެޑަލްތަކެއް ލިބެން ފެށުމުންނެވެ. މި ކުޑަކުޑަ ދިވެހިރާއްޖެއިން ބައިނަލްއަޤްވާމީ ކުޅިވަރުގެ މައިދާނުގައި ހޯދަމުންދާ ކާމިޔާބީތަކުގެ ސަބަބުންނެވެ. މިދިޔަ 4 އަހަރުގެ ތެރޭގައި ރާއްޖޭގެ އެތްލީޓުންވަނީ 10 ރަން މެޑަލް، 5 ސިލްވާ މެޑަލް އަދި 16 ސިލްވާ މެޑަލް ހޯދާފައެވެ.

ރާއްޖޭގައި ފެންވަރު ރަނގަޅު ވަސީލަތްތައް ޤާއިމްވަމުންދާކަމުގެ އަލިގަދަ ހެއްކަކީ ބައިނަލްއަޤްވާމީ އެތްލީޓުން ރާއްޖޭގައި ތަމްރީން ހަދަމުން ދިޔުމެވެ. މިގޮތުން މުޅި ދުނިޔޭގެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ ލޯންގް ޖަމްޕުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ސާބިއާގެ ކުޅަދާނަ އެތުލީޓް އިވާނާ ސްޕަނޯވިޗް ރާއްޖޭގައި ހަދަމުންދާ ތަމްރީންތަކަށެވެ. އިވާނާގެ އިންސްޓަގްރާމް ޕޭޖުގައި ޝެއަރކުރި ފޮޓޯއަކާއިއެކު ރާއްޖޭގެ ގިނަ ބައެއްގެ ލޯތައްވެސް އިވާނާއަށް އަމާޒުވިއެވެ.

ރެޑްބުލް އާއި ނައިކްގެ އެތްލީޓް އިވާނާ ސްޕަނޮވިޗް ރާއްޖެއަށް މީގެ ކުރިން އައީ ޗުއްޓީ ހޭދަކޮށްލުމަށެވެ. އަހަރުގެ ބުރަ ސީޒަންގެ ބްރޭކް ދުވަސްވަރު ރާއްޖެ އަންނަނީ އަރާމުކޮށްލައި ހިތްއުފާކޮށްލުމަށެވެ. މިދިޔަ އަހަރު އޭނާ ރާއްޖެއަށް އައި ދަތުރުގެ ތެރެއިން ފެނުނީ ހުޅުމާލޭގައި އަޅަމުންދިޔަ ބައިނަލްއަޤްވާމީ ފެންވަރުގެ ސިންތެޓިކް ޓްރެކަށެވެ. އެ ޓްރެކް ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ހުރި އިވާނާ އޭރުވެސްދިޔައީ އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މަޝްވަރާކުރަމުންނެވެ. ޗުއްޓީއަށް ރާއްޖެއަށް އައުމުގެ ބަދަލުގައި ތަމްރީން ހަދަން ރާއްޖެ އަންނަން ބޭނުންވާތީއެވެ. ފެންވަރު ރަނގަޅު ތަމްރީނު ހެދުމަށް ފައްކާވެފައިވާ ޓްރެކްގައި ދުވެލައި ހިތްފަސޭހަ ރާއްޖޭގެ މާހައުލަށް ހޭނިލުމަށެވެ. ސަރުކާރުން 6 ލައްކައަށްވުރެ ގިނަ ފައިސާ ހަރަދުކޮށްގެން ތަރައްޤީކުރި ޓްރެކް ނިމުމާއިއެކު އިވާނާގެއަށް ލިބުނީ ބޮޑު ހިތްހަމަޖެހުމެކެވެ.

"އަހަރެން ކުރިން އަންނަނީ ޗުއްޓީއަށް ރާއްޖެ. މިދިޔަ އަހަރު މި ޓްރެކް އަޅަނިކޮށް އަހަރެން ދުށިން، އެސޯސިއޭޝަނާއި އޭރުވެސް މަޝްވަރާކުރިން މި ޓްރެކްގައި ތަމްރީން ހަދަން ބޭނުންވާތީ އެކަން ކުރެވިދާނެ ގޮތްތަކާއިމެދު."

އުމުރުން 27 އަހަރުގެ އިވާނާ އާއި އޭނާގެ ކޯޗު ގޯރާން އޮބްރަޑޯވިޗާއިއެކުގައެވެ. އިވާނާގެ ތަމްރީންތަކަށް ޔޫތް މިނިސްޓްރީންނާއި އެތްލެޓިކްސް އެސޯސިއޭޝަނުންވަނީ ޓްރެކްގެ ލޯންގް ޖަމްޕް ޕިޓް ވަނީ ރަނގަޅު ފެންވަރަކަށް ތަރައްގީ ކޮށްދީފައެވެ. އިވާނާވަނީ ޕިޓްގެ ފެންވަރާއިމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ. އަދި ރާއްޖޭގެ މާހައުލަކީ އައުޓްޑޯ ތަމްރީންތަކަށް އެންމެ ހިތްގައިމު މާހައުލެއްކަމަށްވެސް ޔޫރަޕާއި ދުނިޔޭގެ އިންޑޯ ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދާފައިވާ އެތްލީޓް ބުންޏެވެ.

"އަހަންނަށް އައުޓްޑޯ ވިއްޔާ ބޮޑަށް ކަމުދަނީ ރާއްޖެކަހަލަ ގައުމެއް، ރާއްޖޭގެ މޫސުންވެސް ވަރަށް ސަޅި. ހަމަގައިމުވެސް މިއީ ރަނގަޅު ގައުމެއް ޓްރެއިނިން އަށް ދުނިޔޭގެ ފެންވަރުގެ އެތުލީޓުން އައިސް ތަމްރީން ހަދަން ހަމަ އެންމެ ރަނގަޅު. އުއްމީދަކީ މުސްތަގުބަލުގައި ގިނަ އެތުލީޓުން އައުން. ޔަގީނުން ވެސް އަހަރެން އަދި އެތަކެއް ފަހަރު އަންނާނަން،" އިވާނާ ބުންޏެވެ.

އިވާނާ ބުނީ ކާމިޔާބުހޯދަން ބަލާއިރު ރަނގަޅު ވަސީލަތްތަކެއް ހުރުމަކީ އަވަހަށް ކުރިއަރަން ލިބޭނެ ފަސޭހައެއްކަމަށެވެ. އެކަމަކު އެއީ ބަހަނާއަކަށް ހަދައިގެން ކުރިއަކަށް ނުދެވޭނެކަމަށްވެސް އިވާނާ ފާހަގަކުރިއެވެ. އޭނާ ބުނީ އެތްލެޓިކްސްގެ ތެރެއަށް ފުރަތަމަ ވަތްއިރު ތަމްރީން ހެދީ ވެލި ދަނޑެއްގައިކަމަށާއި، ރަނގަޅު ވަސީލަތްތަކުގައި ތަމްރީން ހަދަން ލިބުނީ މާ ފަހުންކަމަށެވެ.

ރާއްޖޭގެ އެތްލީޓުން މަސައްކަތްކުރާ މިންވަރު ޓްރެކުން ކޮންމެ ދުވަހަކުވެސް ފެންނަކަމަށާއި، އޭނާ އުއްމީދުކުރަނީ ކުރިއަށް އޮތްތާނގައި ރާއްޖެއިން އެތްލެޓިކްސްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުންކަމަށެވެ. އަދި މި ސިންތެޓިކް ޓްރެކަކީ ކާމިޔާބީ ހޯދަންބަލާއިރު ތަމްރީންތަކަށް ފުރިހަމަ ޓްރެކެއްކަމަށް އިވާނާ ފާހަގަކުރިއެވެ.

ރެޑްބުލްގެ އެތްލީޓް އިވާނާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ވޯލްޑް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދުމާއި، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދުމުގެ އިތުރުން މިދިޔަ އަހަރު ރިއޯގައި އޮތް އޮލިމްޕިކްސްއިން އޭނާވަނީ ލޯ މެޑަލްވެސް ހޯދާފައެވެ.

އިވާނާގެ އުއްމީދަކީ ބައިނަލްއަޤްވާމީ ގިނަ އެތްލީޓުންނެއް ރާއްޖެއައިސް ތަމްރީން ހެދުމެވެ. އަދި ރާއްޖޭގެ ރީތިކަމާއި، ދިވެހިންގެ ހިތްހެޔޮކަން އިޝްތިހާރުވުމެވެ. އަދިވެސް ރާއްޖެއައިސް ތަމްރީން ހަދަން އިވާނާ ސްޕަނޯވިޗް ހުރީ ތައްޔާރަށެވެ.