ޚަބަރު

ނޭޓޯގެ ބަޖެޓު އިތުރުކުރުމަށް މައިކް ޕޮމްޕެއޯ ގޮވާލައްވައިފި


ރަޝިޔާގެ އުދުވާނާ ކުރިމަތިލުމަށްޓަކައި ނޭޓޯގެ އަސްކަރީ ބަޖެޓު ބޮޑުކުރަންޖެހޭކަމަށް އެމެރިކާގެ އައު ޚާރިޖީ ވަޒީރު މައިކް ޕޮމްޕެޔޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ދިފާއީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވިތާ 12 ގަޑިއިރުވެސް ނުވަނީސް ޤައުމުން ބޭރަށް ކުރައްވާ ދަތުރުޅެއްގައި ބްރަސަލްސްއަށް ވަޑައިގެން ނޭޓޯގެ ޚާރިޖީ ވަޒީރުންގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެން ޕޮމްޕެޔޯ ވަނީ ރަޝިޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ރަޝިޔާއިން ޔުކްރޭނާއި މެދުއިރުމަތީގައި އުދުވާނީ ޢަމަލުތަކެއް ހިންގަމުން ގެންދާކަމަށާއި އެ ކަންކަމާ ކުރިމަތިލުމަށްޓަކައި ނޭޓޯގެ އަސްކަރީ ބާރު ގަދަކުރަންޖެހޭކަމަށް، ޕޮމްޕެއޯ ވިދާޅުވިއެވެ.

އަދި ނޭޓޯއަކީ ރަޝިޔާ އާއި އެ ނޫންވެސް ހުޅަނގުގެ ދުޝްމިނުންނާ ކުރިމަތިލުމަށް އޮތް މުހިއްމު ޖަމާއަތެއްގެ ގޮތުގައި ޕޮމްޕެއޯ ސިފަކުރެއްވިއެވެ. ނޭޓޯގެ މުހިއްމުކަމާބެހޭގޮތުން ޕޮމްޕެއޯ ވާހަކަދެއްކެވި ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަނީ، ނޭޓޯއަކީ ޒަމާނަށް ނުފެތޭ އަދި އެމެރިކާއަށް ބޭނުންނެތް، މުއްދަތުހަމަވެފައިވާ އަސްކަރީ ޖަމާއަތެއްކަމަށެވެ.