ޚަބަރު

ފިޝްކޭމްޕްގެ ދަރިވަރުން ކަނޑުމަތީގެ ޙާދިސާތަކާ ގުޅޭ ތަޖުރިބާކޮށްފި


މުލަކަތޮޅު މުލަކުގައި ކުރިއަށްދާ ފިޝް ކޭމްޕްގެ ދަރިވަރުންނަށް ކަނޑުމަތީގެ ޙާދިސާތަކާ ގުޅޭ ޢަމަލީ ތަޖުރިބާދީފިއެވެ. މި ޝެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކޭމްޕްގެ ހުރިހާ ދަރިވަރުން ބައިވެރިވެގެން ކަނޑުމަތީގައެވެ.

ފިޝަރީޒް މިނިސްޓްރީއިން ހިންގާ ފިޝްކޭމްޕްގެ މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އެމްއެންޑީއެފްގެ ކޯސްޓްގަރޑްގެ އޮފިސަރުންނެވެ. ކޭމްޕްގެ ފުރަތަމަ ދުވަހު އެމްއެންޑީއެފުންވަނީ ދަރިވަރުންނަށް މިކަމާއިގުޅޭގޮތުން މަޢުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. އަދި މިކަމާއި ގުޅޭ ޢަމަލީ ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ކަނޑުމަތީގައެވެ. އެމްއެންޑީއެފްގެ ކޯސްގަރޑް، ކޯޕްރަލް އާދަމް އަނީމް ވިދާޅުވީ ކަނޑުމަތީގައި ކުރިއަށްގެންދިޔަ ސެޝަންގައި ދަތުރުމަތީގައި ކަނޑަށް މީހަކު ވެއްޓުމުންނާއި، ޙަދިސާއެއް ދިމާވެގެން ދޯނި ދޫކޮށްލަން ޖެހިއްޖެ ޙާލަތެއްގައި ކަން ކުރާނެގޮތާއި، ޙާދިސާއެއް ހިނގައިފިނަމަ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެންނާނެ ގޮތުގެ ޢަމަލީ ތަޖުރިބާ ދީފައިވާކަމަށެވެ. އަދި އެފަދަ ޙާލަތުގައި ކުއްލި ފަރުވާދޭނި ގޮތްތައްވެސްވަނީ ކިޔައިދީފައެވެ.

މުލަކު ސްކޫލްގެ ޕްރިންސިޕަލް ޠާހާ މުޙައްމަދު ވިދާޅުވި މިފަދަ ކޭމްތައް ބޭވުމުގެ ސަބަބުން ޢާއްމުކޮށް ކިޔަވައިދިނުމުގެތެރެއިން ނުލިބޭ ފުރުސަތުތައް ދަރުވަރުންނަށް ލިބިގެންދާކަމަށެވެ. އޭނާ ވިދާޅުވީ މިއީ ފިޝަރީޒް ސައިންގެ ދާއިރާއަށް ކުދިން ޝައުޤުވެރިކުރުވައި، އަދި އިމްތިޙާނުތަކުގައި ނަތީޖާ ރަނގަޅުކުރުމަށްވެސް ދަރިވަރުންނަށް ލިބޭ މުހިންމު ފުރުސަތެއްކަމަށެވެ.

ޙާދިސާތަކާ ގުޅޭގޮތުން ޢަމަލުކުރާނެ ކަންކަމުގެ އިތުރުން ދަރިވަރުންވަނީ، އަތުނަނުގެ މަސްވެރިކަމަށް ބޭނުންވާ ނަނު ތައްޔާރުކުރާނެގޮތާއި، އަދި ރޭގަނޑު މަސްވެރިކަންކުރާނެގޮތްތައް ދަސްކޮށްފައެވެ.
މި ކޭމްޕްގައި 35 ދަރިވަރުން ބައިވެރިވެ، ގެންދަނީމެރިން ލައިފްއާއި ގުޅޭ ތަފާތުކަންކަން ދަސްކޮށް ތަޖުރިބާހޯދަމުންނެވެ.