ޚަބަރު

ޓްރެފިކިން އިން ޕާސަންސް ޓަޔަރ ދޭއްގެ ވޮޗް ލިސްޓުން ރާއްޖެ އުނިކޮށްފި





 


އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ކޮންމެ އަހަރަކު ނެރޭ ޤައުމުތަކުގެ ޓްރެފިކިން އިން ޕާސަންސް ލިސްޓްގެ ޓަޔަރ ދޭއްގެ ވޮޗް ލިސްޓުން ރާއްޖެ އުނިކޮށްފިއެވެ.


 
ހަތަރު އަހަރަށްފަހު ވޮޗްލިސްޓުން ރާއްޖެ އުނިކޮށްފައިވަނީ ހިއުމަން ޓްރެފިކިން ނުވަތަ އިންސާނުންގެ ވަގުފާރި ހުއްޓުވުމަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތަށް ބެލުމަށްފަހުކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ނެރެފައިވާ ރިޕޯޓްގައިބުނެފައިވެއެވެ.  ވޮޗްލިސްޓުން ރާއްޖެ އުނިކުރިނަމަވެސް އަދިވެސް ރާއްޖެއޮތީ ޓަޔަރ ދޭއްގައެވެ. މިއީ އަދިވެސް ރާއްޖޭގައި ހިއުމަންޓްރެފިކިންގެ މައްސަލަހައްލުކުރުމަށް މަސައްކަތްކުރަންޖެހޭކަން އަންގައިދޭ ކެޓަރގަރީއެކެވެ.


 
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ތައްޔާރުކޮށްފައިވާ ރިޕޯޓްގައި ބުނެފައިވަނީ، މިއަހަރުގެ ރިޕޯޓްތައްޔާރުކުރުމާ ހަމައަށް ކަނޑައަޅައިފައިވާ މުއްދަތުގެ ތެރޭގައި، ރާއްޖެއިން ހިއުމަން ޓްރެފިކިން ހުއްޓުވުމާ ބެހޭ ޤާނޫނެއް ފާސްކުރުމާ، ހިއުމަންޓްރެފިކިންގެ މައްސަލަތަކުގެ މީހުން ބައިތިއްބާ ތަނެއް ޤާއިމުކުރުން ފާހަގަކުރެވޭކަމަށެވެ. އަދި މަސައްކަތްކުރުމަށް ރާއްޖެއަށް ހިޖްރަކޮށްފައިވާ ފަރާތްތަކުގެ ހައްޤުތަކާމެދު މަސައްކަތްތެރިން ހޭލުންތެރިކުރުވުމަށް އެކި ބަސްބަހުން ލިޔެފައިވާ މައުލޫމާތު ކަރުދާސްތައް ހިޖްރަކުރި މަސައްކަތްތެރިންނަށް ފޯރުކޮށްދިނުން ފަދަ އިންސާނުންގެ ވަގުފާރި ހުއްޓުވުމަށް ބާރުއެޅޭނެ މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އަދިވެސް ވަގުފާރި ހުއްޓުވުމާ ބެހޭ ޤާނޫނު ތަންފީޒުކުރުމުގަޔާ، އިންސާނުންގެ ވަގުފާރީގެ ޝިކާރައަކަށްވާ މީހުނަށް ހިމާޔަތްތެރިކަން ހޯދައިދިނުމުގައި މައްސަލަތަކެއް ހުރިކަން މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.


 
 


މި ރިޕޯޓްގައި އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ކޮންމެ އަހަރަކު ނެރޭ  ޤައުމުތަކުގެ ޓްރެފިކިންގ އިން ޕާސަންސް ލިސްޓްގައި ރާއްޖެ ފުރަތަމަ ހިމެނިފައިވަނީ ދެހާސް ނުވަވަނަ އަހަރު އެލިސްޓްގެ ޓަޔަރ ދޭއްގައެވެ. އެއަށްފަހު ޖެހިގެންއައި ދެހާސް ދިހަވަނަ އަހަރު އެ ލިސްޓްގެ ޓަޔަރ ދޭއްގެ ވޮޗްލިސްޓަށް ރާއްޖެ ވެއްޓުމަށްފަހު މިދިޔަ އަހަރާ ހަމައަށް ޖެހި ޖެހިގެން ހަތަރު އަހަރު ވަންދެން ރާއްޖެވަނީ ޓަޔަރ ދޭއްގެ ވޮޗްލިސްޓުގައި ހިމެނިފައެވެ.