ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތ. ދިޔަމިގިއްޔަށް ވަޑައިގެންފި


ރައީސުލްޖުމްޙޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް ފައްޓަވާފައިވާ އެންމެ ގާތުން ކެމްޕެއިންގެ ދަށުން، ތ. ދިޔަމިގިއްޔަށް ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދިޔަމިގިއްޔަށް ވަޑައިގަތުމުން، އެރަށުގެ ރައްޔިތުންގެ ފަރާތުން ވަނީ އެކަމަނާއަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. އެކަމަނާގެ މި ދަތުރުފުޅުގައި ދިޔަމިގިލީގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި، އިސްރަށްވެހިންގެ އިތުރުން ދިޔަމިގިލީގެ އަންހެން ކަނބަލުންނާއި ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުއްވާ، އެހީތެރިކަން ފޯރުކޮށްދެއްވާފައިވެއެވެ.

އެންމެ ގާތުން ކެމްޕެއިނަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އިސްނެންގެވުމުގެ މަތިން 2017 ވަނަ އަހަރު ފަށްޓަވާފައިވާ ކެމްޕެއިނެކެވެ. މިއީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއ މީހުންގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންނާއި، އަންހެނުންގެ ދާއިރާއިން ދިމާވެފައިވާ މައްސަލަތައް ގާތުން ބައްލަވައި އެކަންކަން ޙައްލުކުރެއްވުމަށް ހިންގަވާ ކެމްޕެއިނެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ތ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ އެއަތޮޅު ވިލުފުށި، މަޑިފުށި، އަދި ގުރައިދޫއަށް ވަޑައިގެން، އެރަށްރަށުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އަންހެންނުންނާއި، އެކިއެކި މުއައްސަސާތަކުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާފައެވެ. އަދި މިއަދު ހެނދުނު ވަނީ އެއަތޮޅު ގާދިއްފުއްޓަށްވެސް ވަޑައިގެންފައެވެ.

އެކަމަނާގެ މިދަތުރުފުޅުގައި ދިޔަމިގިލީގެ އިތުރުން ވޭމަންޑޫއަށްވެސް މިއަދު ހަވީރުގެ ވަގުތެއްގައި ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭގެ ވޭމަންޑޫގައި ހާއްސަ ޖަލްސާއެއްވެސް ބޭއްވުމަށް ހަމަޖެހިފައިވެއެވެ. އެކަމަނާގެ މި ދަތުރުފުޅުގައި މާދަމާވެސް ތ.އަތޮޅުގެ 3 ރަށަކަށް ވަޑައިގަންނަވާނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ އަރިހުގައި ދަޢުލަތުގެ ބައެއް ވަޒީންނާއި، ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.