ޚަބަރު

ސިއްރު ފެންފުށި ރިސޯޓު ހުޅުވައިފި


ށ. ގާކޮށިބީގައި ތަރައްގީކޮށްފައިވާ، ފެއާމޮންޓް މޯލްޑިވްސް ސިއްރު ފެންފުށި ރިސޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

ސިއްރު ފެންފުށި ރިސޯޓު ހުޅުވާފައިވަނީ ލަގްޒަރީ ފެންވަރުގެ 120 ވިލާއާ އެކުއެވެ. މީގެ އިތުރުން މި ރިސޯޓުގައި، ރާއްޖޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ދާރުލްއާސާރު ވެސް ހުރެއެވެ. ދާރުލްއާސާރު ފަރުމާކޮށްފައިވަނީ އިނގިރޭސިވިލާތުގެ ޖޭސަން ޑެކެއަސް ޓޭލާއެވެ.

"ސިއްރު ފެންފުށި" ރިސޯޓަކީ ހަނީމޫނަށް އަންނަ ފަތުރުވެރިންނާއި، އާއިލީ ޗުއްޓީހޭދަކުރުމަށް އަންނަ ފަތުރުވެރިންނަށް ބޭނުންވާ ޚިދުމަތްތަކާއިއެކު ފަރުމާކޮށްފައިވާ ރިސޯޓެކެވެ. މިރިސޯޓަކީ ދުނިޔޭގެ ނަން މަޝްހޫރު ފެއަރމައުންޓް ބްރޭންޑްގެ ދަށުން ރާއްޖޭގައި ހިންގާ ފެއަރމައުންޓް މޯލްޑިވްސް އިން ތަރައްޤީކުރާ ރިސޯޓެއްކަން ފާހަގަކޮށްލެވެއެވެ. ފެއާމޮންޓުން ބުނީ، އެ ރިސޯޓުން ޚިދުމަތް ދޭނީ ޚިދުމަތްތަކާއި ގުދުރަތީ ރީތިކަމާއި މުޖުތަމައާ ވަރަށް ބޮޑަށް ގުޅުވައިގެން ކަމަށެވެ.

ފެއާމޮންޓް ހޮޓެލްސްގެ ބްރޭންޑުގެ ދަށުން ދުނިޔޭގެ ގިނަ ހޮޓެލްތަކާއި ރިސޯޓު ހިންގައެވެ. އޭގެ ތެރޭގައި ނިއު ޔޯކްގައި ހުންނަ މަޝްހޫރު "ދަ ޕްލާޒާ" ހޮޓެލްއާއި، ލަންޑަނުގެ "ދަ ސެވޯއި" ހޮޓެލުގެ އިތުރުން ޝަންގްހާއީގެ ފެއާމޮންޓް ޕީސް ހޮޓެލާއި ކެނެޑާގެ ކެބެކް ސިޓީގައި ހުންނަ ފެއާމޮންޓް ލެ ޝެޓޫ ފްރޮންޓެނަކް ހިމެނެއެވެ.