ޚަބަރު

މޯލްޑިވިއަން އައިޑަލް ސީޒަން 3: ގަދަ 5 ބައިވެރިންގެ ގަދަހިފުން މިރޭ!


މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ 5 ބައިވެރިންގެ ފޯރިގަދަ ހުށައެޅުންތަކަކާއެކު ގާލާ ރައުންޑުގެ ފަހު ޝޯވ މިރޭ އޮންނާނެއެވެ.

ގާލާ ރައުންޑުގެ 7 ވަނަ ޝޯވ ޓީ.ވީ.އެމުން ދެއްކުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ. ކުރީގެ ޝޯވތަކާއި ޚިލާފަށް މި ރޭގެ ޝޯވގައި، 2 ތީމަކަށް ކޮންމެ ބައިވެރިއަކުވެސް 2 ލަވަ ހުށައަޅައިދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ހަފްތާގެ ޝޯވ ހާއްސަކޮށްފައިވާ 2 ތީމަކީ "ފޭންސް ޗޮއިސް" އަދި "ދަ ސޯންގް ދެޓް އިންސްޕަޔަރޑް މީ"އެވެ.

މިރޭގެ ޝޯވގައިވެސް ބައިވެރިންގެ ފަރާތުން ހިތްގައިމު ރީތި ހުށައެޅުންތަކެއް ފެނިގެންދާއިރު، މަދަމާ ރޭގެ އެލިމިނޭޝަން ނައިޓާއެކު ގާލާ ރައުންޑުގެ ޝޯވތައް ނިމި، އައިޑަލްގެ މި ފަހަރުގެ ސީޒަންގެ ގަދަ 3 ބައިވެރިން ކަށަވަރުވާނެއެވެ.

އައިޑަލްގެ ސީޒަން ތިނެއްގެ ގަދަ 5 ގައި ވާދަކުރަނީ 3 އަންހެން ބައިވެރިންނާއި، 2 ފިރިހެން ބައިވެރިން.ނެވެ އެއީ އައިޝަތު އަޒަލް އަލީ ޒާހިރު، މަރިޔަމް މައިޝާ، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ތަސްލީމް ޢަބްދުލްކަރީމް އަދި ނައުޝާދު ޢަބްދުލްލަތީފެވެ. މި 5 ބައިވެރިންގެ ތެރެއިން ބެލުންތެރިންނަށް އެންމެ ކަމުދާ ބައިވެރިއަކަށް ވޯޓުލުމަށްޓަކާ އެސް.އެމް.އެސް ކުރުމުގެ ފުރުޞަތު މިރޭގެ ޝޯވ ދައްކާ ވަގުތުން ފެށިގެން މާދަމާގެ ހަވީރު 4 ޖެހުމާއި ހަމައަށް އޮންނާނެއެވެ.

މި ބައިވެރިންނަށް ވޯޓުލުމަށްޓަކާ، MI ޖެހުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ، އެ ބައިވެރިއަކަށް ދީފައިވާ ކޯޑު ޖެހުމަށްފަހު 303 އަކަށް އެސް.އެމް.އެސް ކުރެވޭނެއެވެ. މިއިން ކޮންމެ އެސް.އެމް.އެސްއަކަށް 3 ރުފިޔާ ޗާޖުކުރާނެއެވެ. އަދި ކޮންމެ ނަންބަރަކުންވެސް އެންމެ ގިނަވެގެން ފޮނުވޭނީ 50 އެސް.އެމް.އެސްއެވެ.

މަދަމާ ރޭ އޮންނަ އެލިމިނޭޝަން ނައިޓުގައި މި 5 ބައިވެރިންގެ ތެރެއިން ޖަޖުންގެ މާކްސްއާއި ބެލުންތެރިންގެ ވޯޓު އެއްކޮށްލުމުން އެންމެ ދަށުން ޕޮއިންޓް ލިބޭ 2 ބައިވެރިއަކަށް އައިޑަލްގެ މި ދަތުރު ނިންމާލަންޖެހޭނެއެވެ.