ޚަބަރު

ކައްދޫ އެއަރޕޯޓް ވިޔަފާރި މޮޑެލްއަށް ތަރައްޤީ ކުރަނީ


އިސްކަންދަރު އެއަރބޭސްގައި އޮންނަ ކައްދޫ އެއަރޕޯޓް ވިޔަފާރި މޮޑެލްއަށް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރައްވާ ގޮތަށް ހަމަޖައްސައިފިއެވެ. ކައްދޫ އެއަރޕޯޓަކީ އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީގެ ދަށުން އުފައްދާފައިވާ ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުން ހިންގަމުން އަންނަ ތަނެކެވެ.

ސިފައިންގެ އަގުވަޒަންކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅު ކުރުމަށް ސަރުކާރުން ކުރައްވަމުންދާ ގިނަ މަސައްކަތްތަކުގެ ތެރޭގައި ކައްދޫ އެއަރޕޯޓް ވިޔަފާރި މޮޑެލްއަށް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ހިމެނޭ ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމުގައި ސަރުކާރުން އެހީވެ އެކަން ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިނިންމުމުގެ ސަބަބުން އެއަރޕޯޓް މިހާރު ހިންގާ ކައްދޫ އެއަރޕޯޓް ކޮމްޕެނީއަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެކަމަށެވެ.

"އަޅުގަނޑު އުންމީދުކުރަނީ ކުރިއަށް އޮތް އަހަކަރީ ހުރިހާ ގޮތަކުންވެސް ވަރަށް ކާމިޔާބު އަހަރަކަށް ވެގެންދާނެކަމަށް. މިގޮތުން ސިފައިންގެ ވެލްފެއަރގެ ކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކައްދޫ އެއަރޕޯޓް ތަރައްޤީ ހުރިހާ ކަމެއް ކުރިއަށް އޮތްތަނުގައި ސަރުކާރުން ކުރިއަށްގެންދާގޮތަށްވަނީ ކަނޑައަޅާފައި. މިއާއެކު ސީދާ އަޅުގަނޑުމެން އެތަން ތަރައްޤީކުރުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ހުރިހާ ކަމެއް ސަރުކާރުގެ ބަޖެޓުން ކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައި" ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

ކައްދޫ އެއަރޕޯޓު ވިޔަފާރި މޮޑެލްއަށް ހިންގެވުމަށް ނިންމަވާފައިވާއިރު އެއަރޕޯޓާއެކު ކައްދޫ ބަނދަރުވެސް ތަރައްޤީކޮށް ޔޮޓާއި ކުރޫޒް ލައިނަރތަކަށް ޚިދުމަތް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ބަނދަރަށް ބަދަލުތަކެއް ގެންނަން ނިންމަވާކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.

ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތް އަލުން ތަރައްޤީކުރައްވައި، ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ސިފައިން ކުރައްވާ މަސައްކަތުގެ މުހިންމު ގުނަވަނެއްގެ ގޮތުގައި އިސްކަންދަރު އެއަރބޭސް ތަރައްޤީ ކުރައްވާ އިފްތިތާޚް ކުރެއްވީ 2016 ވަނަ އަހަރުގެ މައިމަހުގައި، ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުއެވެ.

އެގޮތުން 2016 ވަނަ އަހަރުން ފެށިގެން ކައްދޫ އެއަރޕޯޓް ހިންގަނީ އަސްކަރީ އެއަރޕޯޓެއްގެ ގޮތުގައި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑުންނެވެ. ކައްދޫ އެއަރޕޯޓް ކޮމްޕެނީއަކީ ސިފައިންގެ ބޭކަލުން ހިމެނޭ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ކުންފުނީގެ ޗެއަރމަންއަކީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެވެ. އަދި ކުންފުނީގެ ބޯޑުގައި ހިމެނެނީ ސިފައިންގެ ބޭކަލުންނެވެ.